ފަލަސްޠީނަށް އެހީވުމަށް ޚާއްސަ ޓެލެތޯނެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުން ބުނެފިއެވެ.
ޕީއެސްއެމްއިން ބުނިގޮތުގައި މި ޓެލެތޯނަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށް ކުރިއަށް ގެންދަން ނިންމާފައިވާ ޓެލެތޯނެކެވެ.
އަންނަ ޖޫންމަހުގެ 12 ވަނަ ދުވަހު ކުރިއަށް ގެންދަން ނިންމާފައިވާ މި ޓެލެތޯނާއި ގުޅޭގޮތުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރާއި ހަވާލާދީ ޕީއެސްއެމް ނިއުސްގައި ބުނެފައި ވަނީ ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ޓެލެތޯން ކުރިއަށްގެންދާނީ އިޖުތިމާޢީ ބޮޑު ހަރަކާތެއްގެ ގޮތުގައި ކަމަށެވެ.
މިގޮތުން މި ޓެލެތޯން ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ މީހުންނަށް އެފުރުޞަތު އެބައޮތް ކަމަށް ޒީނާ ވަނީ ވިދާޅުވެފައެވެ. އަދި ޓެލެތޯންގައި ބައިވެރިވުމުގެ ފުރުޞަތު ޖަމްއިއްޔާތަކާއި ޓީވީ އަދި ނޫސް މަޖައްލާތަކަށްވެސް ވަނީ ހުޅުވާލެވިފައިވާކަމަށް ވެސް ޒީނާ ވަނީ ވިދާޅުވެފައެވެ.
''ރަށްރަށުގެ ކައުންސިލްތަކާއި ކުންފުނިތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އެބައޮތް. ހާލުގައިޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެކަށީގެންވާ އެހީތެރިކަމެއް ލިބޭނެކަމަށް އުންމީދުކުރަނީ". ޒީނާ ވިދާޅުވެފަވެއެވެ.
ޕީއެސްއެމްއިން ބުނެފައި ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ބާއްވާ ޓެލެތޯންގެ ފަންޑު ފޮށި މާލެ ސަރަހައްދުގެ އޮފީސްތަކާއި ސްކޫލުތައް ކައިރީގައި އަދި ޕާކުތަކާއި މީހުން ގިނައިން އެއްވެއުޅޭ ސަރަހައްދުތަކުގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.
ޖޫންމަހުގެ 12 ވާ ބުދަ ދުވަހުގެ ހެނދުނު 8 އިން ރޭގަނޑު 12:00 އަށް ޓެލެތޯން ކުރިއަށް ގެންދާއިރު މި ޚާއްސަ ލައިވް ކަވަރޭޖް ޓީވީއެމް އަދި ޕީއެސްއެމް ނިއުސްއިން ގެނެސްދޭނެކަމަށް އެކުންފުނިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!