ހއ. މާރަންދޫއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގޭނެ އިންތިޒާމު ހަމަޖައްސައިދީ، އެ ޚިދުމަތް ދޭން ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިއްޔެ މާރަންދޫގައި އޮތް ރަސްމިއްޔާތެއްގައި މާރަންދޫގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރަން ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ، މާރަންދޫ ނިސްބަތްވާ އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާއުއެވެ.

Ad
rt

އެ ރަސްމިއްޔާތުގައި މެމްބަރު ޝިފާއުވަނީ އެޚިދުމަތް ފައްޓަވައި ދެއްވައިދެއްވާފައެވެ.

މާރަންދޫ ކައުންސިލުން ރަށުގެ ރައްޔިތުންނާއި ވީހާވެސް ކައިރިން ޚިދުމަތްދީ ރައްޔިތުންނަށް ރަށުން ލުއިފަސޭހަ ކަމާއެކު ޚިދުމަތްތައް ލިބޭނެ ގޮތް ފަހިކޮށް ދިނުމަށް މީގެކުރިން ވަނީ އެރަށުން އައިޑީކާޑު ހެއްދުމުގެ ޚިދުމަތް ލިބޭގޮތް ހަމަޖައްސައިދީފައެވެ.

ތިލަދުންނަށް މައުލޫމާތު ދެއްވަމުން މާރަންދޫ ކައުންސިލްގެ ރައީސް ޙަސަން އަޙުމަދު ވިދާޅުވީ، މާރަންދޫ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރައްވަނީ ރައްޔިތުންނާއި ވީހާވެސް ގާތުން ޚިދުމަތް ދެއްވަން ކަމަށެވެ. މިގޮތުން ރައްޔިތުންނަށް ކައުންސިލުން ދެއްވާ ޚިދުމަތްތައް ލުއި ފަސޭހަ، އަވަސް ޚިދުމަތްތަކަކަށް ހަދައި ދިނުމަށް ޚާއްސަ ފޯމްސެޓެއްވަނީ ތަޢާރަފް ކޮށްފައި ކަމަށާއި، އެފޯމްސެޓް މެދުވެރިކޮށް ރައްޔިތުން ނަގަންޖެހޭ ހުއްދަ ތަކާއި، ކައުންސިލުން ލިބިދެވޭ ޚިދުމަތް ހޯދުމަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދީފައިވާކަމަށެވެ.

މާރަންދޫ ކައުންސިލްގެ ރައީސް ޙަސަން އަޙުމަދު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތްތާގައި ރަށު ބަނދަރުން ފެން ލިބޭނެ ފަސޭހަ ގޮތެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ރަށު ކައުންސިލުން ކުރައްވާ މަސައްކަތްތަކުގައި ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއުގެ ފަރާތުން ދެއްވާ ލަފައާއި އެއްބާރުލުން ފާހަގަކޮށް އެމަނިކުފާނަށް ޝުކުރު ދަންނަވާކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. އަދި މިފަދަ ކަންކަމުގައި މާރަންދޫގެ ލޮބުވެތި ރައްޔިތުންގެ އެއްބާރުލުމާއި، ދެއްވާ އެހިތެރިކަމަށްވެސް ކައުންސިލްގެ ފަރާތުން ޝުކުރު އަދާކުރެއްވިއެވެ.

މާރަންދޫއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގޭނެ އިންތިޒާމު ހަމަޖެހިގެން ދިޔައީ ކައުންސިލްގެ ބަޖެޓްގެ ތެރެއިން އައި.ޑީ ކާޑު ޔުނިޓްގެ އެއްބާރުލުމާ އެކުގައެވެ.