20 ވަނަ ރައްޔިތުންގެ މަޖިލިސްގެ ފުރަތަމަ ޖަލްސާ މިހާރު ކުރިއަށް ދާއިރު މަޖިލީހުގެ ރައީސްގެ މަގާމަށް ބޮޑު ދެ ޕާޓީން ވެސް ނަން ހުށަހަޅައިފިއެވެ.

މިގޮތުން ވެރިކަންކުރާ ޕީއެންސީން ހުށަހެޅީ ލ. ފުނަދޫ ދާއިރާގެ މެންބަރު އަބުދުއްރަޙީމް ޢަބުދުﷲ ގެ ނަމެވެ.

Ad
rt

އެ ނަން ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ. ތާއީދު ކުރެއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާޙީމް ފަލާޙެވެ.

އެމްޑީޕީން ހުށަހެޅީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލްގެ ނަމެވެ.

ނާޒިލްގެ ނަމަށް ތާއީދު ކުރެއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެން ޒިޔާދު (ފިއްޓޭ) އެވެ.

މަޖިލިސްގެ ގަވާއިދު ބުނާގޮތުން މަޖިލިސްގެ ރައީސާއި ނައިބު އިންތިޚާބު ކުރާނީ އެކަމަށް މަޖިލީހުގެ މެންބަރުންގެ ތެރެއިން ނެގޭ ފަސް މެންބަރުންގެ ކޮމެޓީ އަކުންނެވެ.

މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޕީއެންސީގެ ފަރާތުން ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި އެމްޑީޕީގެ ފަރާތުން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އާއި ޖުމްހޫރީ ޕާޓީގެ ފަރާތުން މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި އެމްޑީއޭގެ ފަރާތުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސްއެވެ.