ދެކުނު އޭޝިއާ ކޮލިފިކޭޝަންސްގެ ސިންގަލްސް ޗެމްޕިއަންކަން ހޯދައި މި އަހަރުގެ އޮލިމްޕިކް ކޮލިފައިން އިން ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފު ފާތިމަތު ދީމާ މިއަދު ހޯދައިފިއެވެ. މިއީ ދިވެހި ތާރީހުގައި ވެސް ދިވެއްސަކު އޮލިމްޕިކްސް ކޮލިފައިވި ފުރަތަމަ ފަހަރެވެ.
ނޭޕާލްގައި ބޭއްވި ދެކުނު އޭޝިއާގެ ކޮލިފައިންގެ ފައިނަލްގައި އުމުރުން 15 އަހަރުގެ ދީމާ ވާދަކުރީ ސްރީލަންކާގެ ބިމަންދީ ބަންޑަރާއާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖްގައި ވެސް މި ދެކުޅުންތެރިންގެ ވާދަވެރިކަން ފެނިގެން ގެންގޮސްފައިވެއެވެ. އެ މެޗު 4-3 އިން ކާމިޔާބު ކުރީ ވެސް ދީމާއެވެ.
ފައިނަލް މެޗު ދީމާ ކާމިޔާބު ކުރީ 4-1 ގެ ނަތީޖާއަކުންނެެވެ.
ފައިނަލް މެޗުގެ ފުރަތަމަ ގޭމް ދީމާ ކާމިޔާބު ކުރީ 11-8 އިންނެވެ. ބިމަންދީ ދެ ވަނަ ގޭމް ކާމިޔާބު ކުރީ 11-8 އިން ކާމިޔާބު ހޯދައިގެންނެވެ. އޭގެ ފަހުން ކުޅުނު ތިން ގޭމް ވެސް ކާމިޔާބު ކުރީ ދީމާއެވެ. އެއީ 13-11 އާއި 11-7 އަދި 11-5 އަކުންނެވެ.
އިންޑިޔާ ފިޔަވާ ސަރަހައްދުގެ ހުރިހާ ގައުމަކުން ބައިވެރިވި ކޮލިފިކޭޝަންގައި ރާއްޖޭގެ ހަތަރު ކުޅުންތެރިއަކު ވާދަކޮށްފައިވެއެވެ. ރާއްޖޭން ބައިވެރިވި ހަތަރު ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ދީމާ ގެ އިތުރުން މިޝްކާ މުހައްމަދު އިބްރާހިމް އާއި އަހްޔާރު އަހުމަދު ހާލިދު އާއިއެކު މުންސިފް އަހުމަދެވެ.
އޮލިމްޕިކްސްގައި މީގެ ކުރިން ދިވެހި އެތުލީޓުންނަށް ޖާގަ ލިބެނީ އޮޓޮމެޓިކް ޖާގައެވެ. ދެ ފަހަރު ފިޔަވައި ދެން މުޅިން ވެސް ވާދަކޮށްފައި ވަނީ އެތުލެޓިކްސް އާއި ސްވިމިންގެ އެތުލީޓުންނެވެ.
މި އަހަރު ޖުލައި 26 އިން އޯގަސްޓް 11 އަށް ފްރާންސްގެ ވެރިރަށް ޕެރިހުގައި ބާއްވާ އޮލިމްޕިކްސް ވެގެންދާނީ ދީމާ މިހާތަނަށް ވާދަ ކުރާ އެންމެ ބޮޑު މުބާރާތަށެވެ. ދީމާގެ ކާމިޔާބީއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވަޒީރުންނާއި އާންމުން ވެސް ދަނީ މަރުހަބާ ކިޔަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!