ރާއްޖޭގައި ވަރިވާން ގިނަ އަންހެނުން ކޯޓަށް ދަނީ ފިރިމީހާ ވަގުތު ނުދޭތީ ކަމަަށް ބުނެ ކަމަށާއި ގިނަ ފިރިހެނުން އަންހެނުން ވަރިކުރާ ސަބަބެެއް ކަމަށް ބުނަނީ ކިޔަމަން ނުވާތީ ކަމަށް ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
އާއިލާތަކުގެ ދުވަހާ ގުޅިގެން އިސް ގާޒީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވަރަށް ގިނަ ކައިވެނިތައް ރޫޅެނީ ކުދިކުދި މައްސަލަތައް ހައްލު ނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން އަނބިމީހާ ވަރިކުރާ މައްސަލަތަކުގައި މައިގަނޑު ސަބަބަކީ އަނބިމީހާ ކިޔަމަންތެރި ނުވާތީ އާއި ފިރިމީހާގެ ބަސް އަނބިމީހާގެ ކުރިމަތީ ނުވިކޭތީ އަދި ފިރިމީހާއަށް އިހުތިރާމް ނުކުރާތީ ކަމަށް ވަރަށް ގިނަ ފިރިހެނުން ފާހަގަކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ވަރިވާން އެދޭ އަންހެނުންގެ ވާހަކަތަކަށް ބަލާއިރު ފިރިމީހާ އަނބިދަރިންނަށް އަޅާނުލުމަކީ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރާ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.
އެގޮތުން ރައްޓެހިންނާ އެކު ކޮފީތަކުގައި އެތައް ވަގުތެއް ފިރިމީހާ ހޭދަ ކުރާއިރު އަނބިމީހާ އަށް ވަގުތު ނުދޭ ކަމަށާއި އަނބިމީހާގެ އުދާސްތައް ބޭރުކޮށްލަން އޭނާގެ ވާހަކަ އަހާނެ ކަންފަތެއް ގޭތެރޭގައި ނުލިބޭކަމީ ވެސް ވަރަށް ގިނަ އަންހެނުން ކުރާ ހައްގު ޝަކުވާއެއް ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވި ގޮތުގައި މައްސަލަތައް ހައްލުކޮށް ދަރިންނާ އެކު އުފާވެރި އާއިލީ ވެއްޓެއް ހޯދުމަށް ހިތްވަރު ދިނުމުގެ ބަދަލުގައި، މިފަހަކަށް އައިސް އަންހެނުންގެ ހައްގުތައް ހޯދައިދިނުމުގެ ނަމުގައި ކައިވެނިތައް ރޫޅާލުމަށް ހިތްވަރުދެމުންދެ އެވެ. އަދި މައްސަލަތައް ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށާއި ކަންކަން ހިއްސާ ކުރަން ޖެހޭ ގާތް މީހުންގެ މަޝްވަރާ ވެސް ނުހޯދާ ކަމަށް އިސް ގާޒީ މާހިރު ވިދާޅުވި އެވެ.
"..އޭގެ ސަބަބުން އެތައް އަންހެނަކު އިތުރަށް ނިކަމެތިވުމާއި ކުޑަކުދިންގެ ހައްގުތަކުން ދަރިން މަހުރޫމްވުމަށް މަގުފަހިވެ އެވެ. ކޯޓަށް މިކަން ފާހަގަވަނީ ވަރިވުމަށް ފަހު ދަރިންބެލުމާއި ދަރިންގެ ހަރަދާއި ދަރިންނާ ބައްދަލުކުރުމާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތަކުގައި މީހުން ދައްކާ ވާހަކަތަކުންނެވެ." ގާޒީގެ ބަޔާނުގަައިވެ އެވެ.
ގާޒީ ވިދާޅުވީ އާއިލާގެ އުފާވެރިކަމަށްޓަކައި އާއިލާ އެކުގައި ހޭދަކުރާ ވަގުތު ގިނަ ކުރަންޖެހޭ ކަމަށާއި ފަނާކުރުވާ ވިސްނުންތައް ދޫކޮށް، އިސްލާމްދީނުގެ ރިވެތި އުސޫލުތަކުގައި ހިފަހައްޓަންޖެހޭ ކަމަށެވެ.
ގާޒީ ވަނީ ފިރިމީހާ އަނބިމީހާއަށް އެހީތެރިވުމާއި އަނބިމީހާއާ އެކު ވަގުތު ހޭދަކުރުމަކީ އަނބި ދަށުވުން ކަމުގައި ނުބެލުމަށް އިލްތިމާސްކުރައްވައިފަ އެވެ. އަދި އަނބިމީހާ ފިރިމީހާއަށް ކިޔަމަންތެރިވުމާއި ހިދުމަތްކޮށް ދިނުމަކީ ފިރިމީހާގެ އަޅުވެތިވުން ކަމަށް ވެސް ނުބެލުމަށް ގާޒީ އިރުޝާދު ދެއްވި އެވެ.
އާއިލީ ސިއްރުތައް ފާޅުކޮށް އުދާސްތައް ބޭރުކުރާ ތަނަކީ ސޯޝަލް މީޑިއާކަމުގައި ނަހަދައި، އަނެކާގެ ވާހަކަ ކަނުލައި އަޑުއަހާނެ ވެއްޓެއް އާއިލާގެ ތެރޭގައި އުފައްދަން މަސައްކަތް ކުރުމަށް އިސް ގާޒީ ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ. އަދި ދަރިންނަށް އިސްލާމްދީނުގެ އަގީދާ ދަސްކޮށްދީ, ދީނީ އަޅުކަމަށް ދަރިން ހޭނުވުމަށް އިސްގާޒީ އިލްތިމާސް ކުރެއްވި އެވެ.