އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި އެސްޓަންވިލާ ބައްދަލުކުރި މެޗު އެއްވަރުވެ، ލިބުނު ޕޮއިންޓާއިއެކު އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ވިލާއިން ކުރަމުން އަންނަ އުންމީދު އައުވެއްޖެއެވެ.
ޔޫރަޕްގެ ރަނގަޅު ރެކޯޑްތަކެއް އޮތް އެމެރީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އެސްޓަން ވިލާއާއި ލިވަޕޫލް ރޭ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
ރޭ ލިބުނު ޕޮއިންޓާއިއެކު އެސްޓަންވިލާ މިވަގުތު ޕޮއިންޓް ތާވަލުގެ ހަތަރު ވަނާގައި އޮތީ ކުޅުނު 37 މެޗުން ލިބުނު 68 ޕޮއިންޓާއިއެކުއެވެ. ފަސްވަނާގައި އޮތް ޓޮޓެންހަމަށް 36 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ޓޮޓެންހަމް ނުކުންނާނީ މެންޗެސްޓާ ސިޓީއާއި ދެކޮޅަށެވެ. އެ މެޗުން ޓޮޓެންހަމް ބަލިވެއްޖެނަމަ އަންނަ އަހަރު ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު އެސްޓަން ވިލާއަށް ލިބޭނެއެވެ. ޓޮޓެންހަމް މޮޅިވި ނަމަވެސް ކުރިއަށް އޮތް މެޗު ކާމިޔާބު ކޮށްގެން ޗެމްޕިއަންސް ލީގަށް ކޮލިފައި ވުމުގެ އަމިއްލަ ބާރު އެސްޓަން ވިލާއަށް އެބައޮތެވެ. ލިވަޕޫލް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ތިންވަނާގައެވެ. އެ ޓީމަށް 37 މެޗުން ލިބިފައި ވަނީ 79 ޕޮއިންޓެވެ.
ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ލިވަޕޫލުންނެވެ. މި ލަނޑަކީ ދެވަނަ މިނެޓުގައި ވިލާގެ ކީޕަރު މާޓިނޭޒް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެވެ. އޭގެ ދިހަ މިނެޓް ފަހުން ވިލާގެ ޓިއެލެމަންސް ވަނީ ލަނޑުޖަހައި ވިލާއަށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ގަކްޕޯ ވަނީ ލަނޑުޖަހައި ލިވަޕޫލަށް ލީޑު ހޯދައިދީފައެވެ.
ދެވަނަ ހާފު ފެށިތާ ތިން މިނެޓްތެރޭ އެލިއޮޓް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކުއަނާޝް ވަނީ ލަނޑުޖަހައި ލިވަޕޫލަށް ލީޑު ފުޅާކޮށްދީފައެވެ. ވިލާއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފަހު ދިހަ މިނެޓުގައި ޖެހި ދެ ލަނޑުންނެވެ. އެ ޓީމްގެ ދެވަނަ ލަނޑު 85 ވަނަ މިނެޓުގައި ޑުރާން ޖަހައިދިންއިރު، އޭގެ ތިން މިނެޓް ފަހުން ޑުރާން ވަނީ ތިންވަނަ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޑުރާން ކުޅެން ނުކުމެފައި ވަނީ 79 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.