ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ޕީއެސްޖީ ބަލިކޮށް ފައިނަލާއި ގާތަށް ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑުން ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ޑޯޓްމަންޑުން ވަނި 1-0 ގެ ނަތީޖާއިން ޕީއެސްޖީ ބަލިކޮށްފައެވެ.
ޑޯޓްމަންޑްގެ ސަޕޯޓަރުންނަކީ ޓީމަށް ސަޕޯޓް ދިނުމުގައި އާދަޔާ ޚާލާފް ބައެކެވެ. ރޭ މެޗުން ވެސް އެކަން ފެނިގެން ދިޔައިރު، މުޅި ދަނޑު އޮތީ ރީނދޫ ކުލައިން ޖަރީކޮށްލާފައެވެ. ޔޫރަޕްގެ ނަން މަޝްހޫރު ކުޅުންތެރިންތަކެއް ނެތްނަމަވެސް ރޭ ޕީއެސްޖީއާއި ދެކޮޅަށް ޑޯޓްމަންޑުން ވަނީ ޓީމެއް ގޮތުގައި ރަނގަޅު ކުޅުމެއް ދައްކައި ނަތީޖާ ނެރެފައެވެ.
ރޭ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 36 ވަނަ މިނެޓުގައި ޖަހައދިނީ ނިކްލަސް ފުލްކުރޫގްއެވެ. ޕީއެސްޖީގެ ޑިފެންސް ފަހަތަށް ކުޅުނު ބޯޅައަސް އަރައި އޮފްސައިޑް މަޅިން ސަލާމަތްވެ، ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު، އޭނާ ވަނީ ޕީއެސްޖީގެ ކީޕަރު ޑޮންނަރުންމާ އަތް ދަށުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.
ރޭ މެޗުގައި ޕީއެސްޖީއަށް ނަތީޖާ ހަމަހަމަ ކޮށްދޭން އެމްބާޕޭއާއި އަޝްރަފް ހަކީމީ ފޮނުވާލި ބޯޅަތައް ގޯލުގެ ދަނޑިއަށް އަމާޒުވީއިރު، އޭރިއާ ތެރެއިން ޑެމްބެލޭއަށް ފޮނުވާލަން ލިބުނު ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިންނެވެ.
މި ދެ ޓީމް ކުޅޭ ސެމީ ފައިނަލުގެ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ ޕީއެސްޖީގެ ދަނޑުގައެވެ. މި މެޗު އެއްވަރު ކޮށްލައިގެން ފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު ޑޯޓްމަންޑަށް އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!