ޔާމީންގެ މައްސަލަ ލަސްވާތީ އަސްލަމް ޖޭއެސްސީ އަށް ހުށަހަޅަނީ

އަސްލަމް، ފޮޓޯ: މަޖިލިސް
އަސްލަމް، ފޮޓޯ: މަޖިލިސް

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފްގެ މައްސަލަ ކުރިއަށް ނުގެންގޮސް ލަސްވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެއެވެ.

އައްޑޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ކުރީގެ ރައީސުންނަށް ދޭން ޖެހޭ އިހުތިރާމާއި ގަދަރު ދޭން ޖެހޭ ކަމަށާއި ޔާމީނަށް އިންސާފު ނުލިބުން ބަލައިނުގަނެވޭ ކަމަށެވެ. އަސްލަމް ވިދާޅުވީ، ޔާމީންގެ އިސްތިއުނާފުގެ އަޑުއެހުމެއް ނުބޭއްވި މިހާ ދިގުލައިގެން ދިއުމުން މި ސަރުކާރުން އެ މައްސަލައިގެ ތެރެއަށް އަތްބާނައި، ނުފޫޒު ފޯރުވަމުންދާ ކަން ހާމަވާ ކަމަށެވެ. ޔާމީންގެ ޝަރީއަތެއް އެންމެ ފަހުން ބޭއްވީ މިދިޔަ ހަތަރު މަސް ދުވަސް ފަހުން ކަމަށް ވެސް އަސްލަމްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

"ހަތަރު މަސް ވެގެން ދިޔައިރު ހަމައެކަނި ހުކުމް އިއްވާނުލެވިފައި އޮތީ. އެހެންވީމަ ސަރުކާރުން މިކަމަށް އަތް ބާނާ މިންވަރު މިކަމުން މި ފެންނަނީ. ވަރަށް ބޮޑު ތުހުމަތެއް އެބަ އޮވޭ. އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުން ވަނީ ރައީސް ޔާމީންގެ ޝަރީއަތް ލަސްވެގެންދާ ސަބަބު ޖޭއެސްސީ އިން ބެލުމަށް، ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި އަޅުގަނޑު އިންނާތީ މާދަމާ (މިއަދު) މައްސަލަ ލާނަމޭ،" އަސްލަމް ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ޑިސެމްބަރު 25، 2022 ގައެވެ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހުށަހެޅުމާއި މަނީ ލޯންޑަރިން ހިންގި މައްސަލައިގެ ހުކުމުގެ އިސްތިއުނާފު ޝަރީއަތް މިހާރު ހައި ކޯޓުގައި ވަނީ ހުކުމާ ހަމައަށް ގޮސްފައެވެ. އެކަމަކު، އެ މައްސަލަ ނިމިފައި އޮންނަތާ އެތައް ދުވަހެއް ވީއިރު ވެސް މައްސަލައިގެ ހުކުމެއް އިއްވާފައެއް ނުވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި