ކުރީ ސަރުކާރުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން 1،347 ބިން، ގުޅީފަޅަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުރީ ސަރުކާރުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިންމު ޚިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތި ކަމަށެވެ. އެހެންވެ، އެފަދަ ޚިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސްޕްލޭނަށް ބަދަލު ގެނައުމުން އެތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނެގެން ނެތް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ކުރީ ސަރުކާރުން ގިރާވަރުފަޅުން ދޫކުރަން ނިންމާފައިވަނީ 5،432 ގޯއްޗެވެ. ނަމަވެސް އެ އަދަދަށް އެތަނުން ގޯތި ނެގެން ނެތުމުން ބަދަލުކުރަން ނިންނާފައިވަނީ:
1250 އަކަފޫޓުގެ 193 ގޯތި
1650 އަކަފޫޓުގެ 663 ގޯތި
2050 އަކަފޫޓުގެ 487 ގޯތި
2450 އަކަފޫޓުގެ 4 ގޯތި
ހައުސިން މިނިސްޓްރީން ވަނީ މި ސައިޒުގެ ގޯތިތައް ލިބިފައިވާ ފަރާތްތަކުން ގޯތި ބަދަލު ކުރުމަށް ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. އެގޮތުން، މާދަމާ ހެނދުނު 9:00 އިން 14 އޭޕްރިލް ވާ އާދީއްތަ ދުވަހުގެ ރޭ 11:00 އާ ހަމައަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ގޯތި ބަދަލު ކުރަން އެދެވޭނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ގިރާވަރުފަޅުން ގުޅީފަޅަށް ގޯތި ބަދަލުކުރަން އެދޭ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅިފަޅުން ގޯތި ލިބޭނެ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުން ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!