ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ގދ. ކޫއްޑޫ އެއާޕޯޓާ ދެމެދު ސީދާ ދަތުރުތައް ފަށަން ޤައުމީ އެއާލައިން، މޯލްޑިވިއަނުން ނިންމައިފިއެވެ.
މޯލްޑިވިއަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދެ ސަރަހައްދުގައި އެ ދަތުރުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ އިތުރަށް ވިޔަފާރީގެ ގުޅުންތައް އިތުރުވާނެ ކަމަށެވެެ. އަދި ދެކުނު ސަރަހައްދުގެ ތަރައްގީއަށް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.
މި ދަތުރުތަކުގެ ސަބަބުން ސްރީލަންކަން އެއާލައިންސްއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ފަތުރުވެރިންނަށް އެއްވެސް ދަތިކަމެއް ނެތި ހުވަދުއަތޮޅަށް ދަތުރުތައް ކުރެވޭނެ މަގުފަހިވެގެން ދާނެ ކަމަށްވެސް މޯލްޑިވިއަނުން ބުންޏެވެ.
އެ އެއާލައިނުން ބުނީ އެ ދަތުރުތައް ފަށާނީ އަންނަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ކަމަށެވެ. އެގޮތުން، ގަން އެއާޕޯޓާއި ކޫއްޑޫ އެއާޕޯޓާ ދެމެދު ހަފުތާއަކު ދެ ދަތުރު ބާއްވާނެއެވެ.
އައްޑޫއިން ކޫއްޑޫއަށް ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފުތާއެއްގެ ވެސް އަންގާރަ ދުވަހުގެ މެންދުރު 11:55 ގައެވެ. ކޫއްޑޫއިން އައްޑުއަށް ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު 5:30 ގައެވެ.
މޯލްޑިވިއަނުން ބުނީ، އެ ދަތުރުތަކަށް ބުކިން ހެދުމުގެ ފުރުސަތު މިއަދުން ފެށިގެން އެ ކުންފުނީގެ ސޭލްސް ޗެނަލްތަކުގެ އިތުރުން ވެބްސައިޓް، މޯބައިލް އެޕް، ޓިކެޓިން އޮފީސް އަދި ސޭލްސް އެޖެންޓުން މެދުވެރިކޮށް ހުޅުވާލާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!