ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 50 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށް އެ ބޭންކުގެ ބޯޑުން ނިންމައިފިއެވެ.
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އަހަރަކީ އެ ބޭންކަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދުނު އަހަރު ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ބީއެމްއެލްގެ ސާފު ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ބުންޏެވެ.
ހިއްސާއަކަށް 50 ރުފިޔާ ބަހަން ބީއެމްއެލްގެ ބޯޑުން ނިންމާފައިވާއިރު މިއީ މިހާތަނަށް އެ ބޭންކުން ހިއްސާ ދާރުންނަށް ފައިދާގެ ގޮތުގައި ބަހާ އެންމެ ބޮޑު އަދަދެވެ. ހިއްސާއަކަށް 50 ރުފިޔާގެ މަގުން ބެހުމަށް ދެން ބާއްވާ އަހަރީ އާންމު ޖަލްސާއެއްގައި ހުށަހަޅާނެ ކަމަށް ބޭންކުން ބުންޏެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ބޭންކަށް ރެކޯޑް ނަތީޖާއެއް ހޯދުނުކަމީ އުފަލާއެކު ފާހަގަކުރާ ކަމެއް ކަމަށާއި މިއީ ބޭންކަށް ފައިދާގެ ގޮތުގައި ދެ ބިލިއަން ރުފިޔާ އަށް ވުރެ މަތީ އަދަދެއް ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ. އެގޮތުން ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 269 މިލިއަން ރުފިޔާ ބެހުމަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސްޓުމްކަ އިތުރަށް ވިދާޅުވީ ބޭންކުގެ އެންމެ ބޮޑު ހިއްސާދާރަކީ ސަރުކާރު ކަމަށާއި މި ނަތީޖާއާ އެކު ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ބޭންކުން ސަރުކާރަށް ދައްކާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!