މާލެ ސަރަހައްދުގައި އިހުސާސް ކުރެވުނު ހޫނުމިން 46 ޑިގްރީ ސެލްސިއަސް އަށް އަރައި ރިކޯޑެއް ހަދައިފިއެވެ.
މިއީ ރާއްޖޭގައި އިހްސާސް ކުރެވޭ ހޫނު މިން މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މިދިޔަ މަހުގައި އިހުސާސްކުރެވޭ ހޫނުމިން އެންމެ މައްޗަށް ދިޔަ ދުވަސްތަކުގައި އެވްރެޖުކޮށް ހުރީ 44-45 ޑިގްރީ ސެލްސިއަސްއާ ދެމެދުގައެވެ. މިދިޔަ އަހަރު އެންމެ ހޫނުގަދަވި ދުވަސްވަރު ވެސް މާލޭ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 45 ޑިގްރީގައެވެ. އެހެންކަމުން، މިއީ ރާއްޖޭގައި އިހްސާސް ކުރެވޭ ހޫނު މިން މިހާ މައްޗަށް އަރައިގެން ދިޔަ ފުރަތަމަ ފަހަރު ވެސްމެއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަދު 11:00 ގައި ހުޅުލެއަށް އިހުސާސް ކުރެވުނު ހޫނުމިން ހުރީ 46.3 ޑިގްރީ ސެލްސިއަސްގައެވެ. ލ. ކައްދު އަށް އިހުސާސްކުރެވޭ ހޫނުމިން 41.9 ޑިގްރީ ސެލްސިއަސްގައި ހުރި އިރު، ގދ. ކާޑެއްދު އަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 43.6 ޑިގްރީ ސެލްސިއަސްގައެވެ. ސ. ގަމުގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 40.8 ޑިގްރީ ސެލްސިއަސްގައެވެ.
މި ދުވަސްވަރު ރާއްޖޭގެ އަސްލު ހޫނުމިން ހުރީ އެވްރެޖުކޮށް 30 ޑިގްރީ ސެލްސިއަސް އާއި 34 ޑިގްރީ ސެލްސިއަސްއާ ދެމެދުގައެވެ.
މާޗް-އޭޕްރީލްއަކީ އަހަރުގައި ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. އެއީ ވިލާ މަދުވުމާއި، ވައި މަޑުވުނުން އަދި ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ކަމަށް ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ. އޭގެ އިތުރުން މި އަހަރަކީ "އެލްނީނޯ" އަހަރެއް ކަމަށް ވުމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތްކަން ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާއިން ލަފާކުރާކަމަށް މެޓްއިން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!