ޓެކްސީއަކުން ޓްރެފިކް ފުލުހެއްގެ ގައިގައި ޖެހުނު މައްސަލައަށް ބަލާގައި އެ ޓެކްސީ ޑްރައިވަރު ގަވައިދާ ހިލާފުވި ކަމަށް ނުބެލެވޭތީ އެ މީހާ ކަމަށް ކޯޓުން ދޫކޮށްލައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު ހިނގި އެ އެކްސިޑެންޓުގައި ޓެކްސީ ގޮސް ޖެހުނީ މަގުގެ މެދުގައި ހުރި ފުލުހެއްގެ ގައިގަ އެވެ. ޖެހުމާ އެކު އޭނާ ވިއްސައިގެން ގޮސް ވެއްޓޭ މަންޒަރު ވީޑިއޯއަކުން ފެނެ އެވެ.
އެ މައްސަލާގައި ޖެހުމާއި ޖަހާފާނެކަމުގެ ބިރު ދެއްކުމާއި އެހެނިހެން ބިރު ދެއްކުމުގެ ކުށުގެ ތުހުމަތުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްދޭން ފުލުހުން އެދުނެވެ. ނަމަވެސް އެ މީހާ ކޯޓުގައި ބުނީ އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށެވެ.
ކޯޓު އަމުރުގައިވާ ގޮތުން އެ ހާދިސާގެ ރިޕޯޓަށް ބަލާއިރު ޓެކްސީ ދުއްވާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ނުބެލެވޭ ކަމަށެވެ. އެހެންވެ, ކޯޓުން ވަނީ އެ މީހާ ޝަރުތުކޮށް ދޫކޮށްލައިފަ އެވެ.
އެ ޑްރައިވަރު ކޯޓުގައި ބުނީ އޭނާގެ ކާރުން ޕޮލިސް މީހާގެ ގައިގައި ޖެހުނު ކަމަށް އެއްބަސްވާ ކަމަށާއި އެ އެކްސިޑެންޓު ހިނގުމާ އެކު ވަގުތުން ކާރު ހުއްޓައި ފުލުސް މީހާގެ ގާތަށް ގޮސް މާފަށް އެދިފައިވާނެ ކަމަށެވެ. ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
މި މައްސަލައިގައި ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައި ކާރު ވެސް ޓޯކޮށްފައިވާ ކަމަށް ކޯޓުގައި ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓުވި ފުލުސް މީހާގެ އަތުގެ މުލައްދަނޑިއާއި އަތްތިލައިން ހަން މަށައިގެން ގޮސްފައިވެ އެވެ.