މާލޭގެ މިސްކިތެއްގައި ރޭ ދަމު ނަމާދަށް ހުރި އަންހެނެއްގެ ފޯނާއި ވޮލެޓް ވަގަށް ނަގައިފިއެވެ.
ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން މިއަދު ވިދާޅުވީ، ސަލާހުއްދީން މިސްކިތުގައި ދަމުނަމާދަށް ހުރި އަންހެނެއްގެ ފޯނާއި ވޮލެޓުގައި އޮތް 700ރ. ވަގަށް ނެގި މައްސަލައެއްގައި އުމުރުން 36 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ ރޭ މެންދަމު ތިނެއް ޖަހާކަންހާއިރެވެ.
އަދި އެ ދެ މީހުން ފުލުހުން ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނު ހަތެއް ޖަހާކަން ހާއިރު ކަމަށް ޝިފާން ވިދާޅުވިއެވެ.
އާންމުކޮށް ރަމަޟާން މަހަކީ ވަރަށް ބޮޑަށް ކުށް ކުރުން އިތުރުވެފައިވާ މަހެކެވެ. އެގޮތުން ވައްކަމާއި ފޭރުމުގެ އެކި މައްސަލަތައް ރިޕޯޓް ކުރެވޭ މިންވަރު އިތުރެވެ. މި ރޯދަމަހު މިސްކިތަކުން ވައްކަން ކުރުމުގެ މައްސަލަތައް ވެސް ވަރަށް ބޮޑެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި ރޯދަމަހުގެ 15 އާ ހިސާބަށް މާލެ ސަރަހައްދުން އެކަނި ވެސް ވައްކަމުގެ 110 މައްސަލައެއް ހުށަހެޅިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!