ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވުމުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ މުސާރަ އުނިކޮށްދޭން މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އެދިވަޑައިގެންފިއެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވުމަށް ނަޝީދު މިދިޔަ ޖެނުއަރީ މަހު ގާނާ އަށް ވަނީ ދިރިއުޅުން ބަދަލު ކުރައްވައިފައެވެ.

Ad
rt

ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ގުޅޭ ކަންކަން ކުރެއްވުމުގައި ވަރަށް ގިނަ ވަގުތު ނަގާ ކަމަށެވެ. އަދި އެ މަގާމާ ރަސްމީކޮށް ހަވާލުވުމުގެ ގޮތުން ގިނަ ކަންކަން ހަމަޖައްސަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އޭގެ ތެރެއިން، ސީވީއެފް ސެކްރެޓޭރިއޭޓާ ބެހޭ ގަރާރު، ގާނާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާތީ. ހުރިހާ މަސައްކަތެއް ވެސް ވީހާ ވެސް އަވަހަކަށް ފެށޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންވެ، މި މަހުން ފެށިގެން ދައުރުގައި ބާކީ އޮތް މުއްދަތަށް، މެމްބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރަ އުނިކޮށްދެއްވުމަށް، އެދިވަޑައިގެންނެވިއެވެ.

މިހާރު ހިނގަމުން އަންނަ 19 ވަނަ މަޖިލިހުގެ ރައީސްކަން ފުރަތަމަ ކުރެއްވެވި ނަޝީދަށް މިހާރު ވެސް ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިގަންނަވައެވެ. އެގޮތުން، ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގައިވާ ގޮތުން، ކުރީގެ ރައީސަކަށް މާލީ އިނާޔަތުގެ ގޮތުގައި މަހަކު 172،000ރ. ލިބިވަޑައިގަންނަވައެވެ. އަދި މަޖިލިހުގެ ރައީސްގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 73،000ރ. އާއެކު، ނަޝީދަށް މަހަކު 245،000ރ. ލިބިވަޑައިގެންނެވިއެވެ.

ނަމަވެސް، މަޖިލީހުގެ ރައީސަކަށް ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ވަނީ ކުރީގެ ރައީސުންގެ މާލީ އިނާޔާތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 75،000ރ. އަދި ދިރިއުޅުއްވާ ތަނުގެ ހަރަދު ހަމަޖެއްސުމަށް 10،000ރ. ގެ އިނާޔަތް އުނި ކުރައްވައިފައެވެ.

މަޖިލިހުގެ 19 ވަނަ ދައުރުގެ މުއްދަތު ހަމަވާނީ އަންނަ މަހުގައެވެ. އަދި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ މަޖިލިސް އިންތިހާބު މި މަހުގެ 21 ވަނަ ދުވަހު އޮންނާނެއެވެ.