ރާއްޖޭގެ ކަނޑުގެ ހާއްސަ އިގުތިސާދީ ސަރަހައްދު (އީއީޒެޑް) ބަލަހައްޓަން ކުރާ މަސައްކަތަށް ހާއްސަކޮށްގެން ކަސްޓަމްސްގެ ހާއްސަ ސެކްޝަނެއް އުފައްދައިފިއެވެ.
ކަސްޓަަމްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ސެކްޝަނަށް ކިޔަނީ “މެރިޓައިމް ސަވައިލެންސް އެންޑް ބޯޑާ ޕްރޮޓެކްޝަން ސެކްޝަން” އެވެ. މި ސެކްޝަނަކީ، ކަސްޓަމްސްގެ ކޮންޓްރޯލްޑް ސަރަހައްދުތަައް ބެލަހެއްޓުމުގެ މަސައްކަތް ކުރާނެ ތަނެއް ކަމަށް ބުންޏެވެ.
މި ސެކްޝަނުން މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާތަކެތި އެތެރެވުން ހުއްޓުވުމުގެ އޮޕަރޭޝަންތައް ހިންގައި، ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ހުރި އުޅަނދުފަހަރުގެ ކަންކަން ބެެލެހެއްޓުން ހަރުދަނާ ކުރާނެ ކަމަށްވެސް ބުންޏެވެ. އަދި ސަވައިލެންސް ޑްރޯން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އުޅަނދުފަހަރު މޮނިޓާ ކުރުމަށް އެމްއެންޑީއެފްއާ އެކު ކަސްޓަމްސްގެ އާ ސެކްޝަނުން މަސައްކަތް ކުރާނެއެވެ.
ރާއްޖޭގައި އަލަށް ވައިގެ ސިފައިންގެ ޔުނިޓް އުފައްދާފައިވާއިރު ތުރުކީ އިން ގެނައި އަސްކަރީ ޑްރޯންތަކުގެ އެހީގައި 24 ގަޑިއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ކަސްޓަމްސް އިން ތަންފީޒުކުރަން ޖެހޭ ކަންކަން ކުރުމަށް އެމްއެންޑީއެފްއާ ގުޅިގެން އޮޕަރޭޝަންތައް ހިންގުމުގައި ވެސް ހަރަކާތްތެރިވާނީ މެރިޓައިމް ސަވައިލެންސް އެންޑް ބޯޑާ ޕްރޮޓެކްޝަން ސެކްޝަން ކަމަށް އެ ޚިދުމަތުން ނެރުނު ބަޔާނުގައި ބުންޏެވެ.
ކަސްޓަމްސްގެ އާ ސެކްޝަނަށް ހާއްސަކޮށް ވަކި ޔުނީފޯމަކާއި ލޯގޯ ވެސް ވަނީ ތައާރަފުކޮށްފައެވެ. އެ ސެކްޝަނަށް ބޭނުންވާ އުޅަނދުފަހަރާއި ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އަދި ސެކްޝަނުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ހޯދުމަށް މިހާރު ވެސް ޗައިނާ އެމްބަސީ އިންނާއި އެމެރިކާގެ "އެކްސްޕޯޓް ކޮންޓްރޯލް އެންޑް ރިލޭޓަޑް ބޯޑާ ސެކިއުރިޓީ"ގެ ފަރާތުން ޔަގީންކަން ލިބިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މެރިޓައިމް ސަވައިލެންސް އެންޑް ބޯޑާ ޕްރޮޓެކްޝަން ސެކްޝަން މަސައްކަތްތައް ފެށީ ކަސްޓަމްސްގެ މެރިޓައިމް އޮޕަރޭޝަންތަކުގައި ބޭނުން ކުރާ ދެ އުޅަނދާ އެކުގައެވެ. އަދި ޖަޕާނުން މިފަހުން ކަސްޓަމްސް އަށް ހަދިޔާކުރި 30 ފޫޓުގެ ދެ ޕެޓްރޯލް ވެސެލް ވެސް ބޭނުން ކުރާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.