އެތުލެޓިކް ބިލްބާއޯ ބަލިކޮށް ރެއާލް މެޑްރިޑުން ޕޮއިންޓް ތާވަލުގެ އެއްވަނާގައި އަށް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި ރެއާލުން ވަނީ 2-0 ގެ ނަތީޖާއިން އެތުލެޓިކް ބިލްބާއޯ ބަލިކޮށްފައެވެ. ދެ މެޗުގެ ސަސްޕެންޝަނަށް ފަހު ޖޫޑް ބެލިންހަމް ވަނީ ރޭ ރެއާލުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ.
ރޭ މެޗުގައި ރެއާލުން ޖެހި ދެ ލަނޑުވެސް ކާމިޔާބު ކޮށްދިނީ ރޮޑްރިގޯއެވެ. ފުރަތަމަ ލަނޑު 8 ވަނަ މިނެޓުގައި ބްރަހިމް ޑިއާޒް ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ މަތީކަނަށް ފޮނުވާލައިގެން ކާމިޔާބުކުރި އިރު، ދެވަނަ ލަނޑު ބެލިންހަމް ދިން ބޯޅައަކުން ޖެހީ 73 ވަނަ މިނެޓުގައެވެ.
މީގެ އިތުރުން ވެސް ރެއާލަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިފައެވެ. ޑިއާޒް ފޮނުވާލި ބޯޅަ ގޯލުގެ ދަނޑިއަށް އަމާޒުވީއިރު، ވަލްވަޑޭ ފޮނުވާލި ބާރު ހަމަލާ މަތަކުރީ ބިލްބާއޯގެ ކީޕަރެވެ. ޗުއަމެނީ ހުހަށްހުރެ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. ބިލްބާއޯއަށް ލަނަޑެއް ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އިނާކީ ވިލިއަމްސް އަށެވެ. އޭނާ ފޮނުވާލި ބާރުހަމަލާ ރެއާލްގެ ކީޕަރު ލުނިން ވަނީ މަތަކޮށްފައެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުޅުމާއި ދުރުގައި ހުރި ރެއާލްގެ ބްރެޒިލް ޑިފެންޑަރ އެޑާ މިލިޓާއޯ، އަނިޔާއިން ސަލާމަތްވެ ރޭ މެޗުގައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައެވެ.
މި މެޗުން މޮޅުވުމާއިއެކު ރެއާލަށް ވަނީ އެއްވަނާގައި 8 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ރެއާލް އެއްވަނާގައި އޮތީ 30 މެޗުން ލިބުނު 75 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި ބާސާ އޮތީ 30 މެޗުން ލިބުނު 65 ޕޮއިންޓާއި އެކުއެވެ. ރޭ މެޗުން ބަލިވި ބިލްބާއޯ އޮތީ ތާވަލުގެ ހަތަރުވަނާގައެވެ. އެ ޓީމަށް 30 މެޗުން ލިބިފައި ވަނީ 56 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!