ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ފެހިކުރުމަށް ބޭނުންވާ ގަސް އެ އަތޮޅު މާފަހިން ހަދިޔާކޮށްފިއެވެ.
ހއ.މާފައްސަކީ ސީގަލް ގްރޫޕުގެ ފަރާތުން ދަނޑުވެރިކަން ކުރަމުން އަންނަ ރަށެކެވެ. ސީގަލް ގްރޫޕްގެ ފަރާތުން އިހަވަންދޫ ފެހިކުރުމަށް ބޭނުންވާ ގަސް ހަދިޔާ ކުރުމުގެ ޕްރޮގްރާމްގެ ދަށުން ވަނީ 205 ގަސް ހަދިޔާކޮށްފައެވެ.
ހަދިޔާކޮށްފައިވާ ގަސްތަކުގެ ތެރޭގައި ހިޔާލިބޭފަދަ ގަސްތަކާއި ބަގީޗާ ގަސްތައް ހިމެނެއެވެ. އިހަވަންދޫ ފެހިކުރުމުގެ ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ދެމުމުން އެ ރަށު ކައުންސިލުގެ ރައީސް އަހްމަދު ސޮބާހް ބުނީ މިއީ އެ ކައުންސިލުން ހިންގާ މިފަދަ ދެވަނަ ޕްރޮގްރާމް ކަމަށާއި، ގަސްތަކުގެ ތެރޭ ހިމެނޭ ބަގީޗާ ގަސްތައް އިންދުމަށް ނިންމާފައި ވަނީ ކުޑަކުދިން ޕާކް ސަރަހައްދުގައި ކަމަށާއި ހިޔާލިބޭފަދަ ގަސްތައް އިންދުމަށް ނިންމާފައި ވަނީ ބަނދަރު ސަރަހައްދުގައި ކަމަށެވެ.
ސޮބާހް ވަނީ ސީގަލް ގްރޫޕުގައި ގަސް ހޯދުމަށް އެ ކައުންސިލުން އެދުމުން އެކަމަށް ފުރިހަމަ އިޖާބައެއްދީ އެހީތެރިކަން ފޯރުކޮށްދީފައިވާތީ އެ ފަރާތަށް ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!