މީހެއްގެ އެކައުންޓު މެދުވެރިކޮށް މަކަރާއި ހީލަތުން 1.8 މިލިއަން ރުފިޔާ ފޭރުނު މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
އެ ފައިސާތައް ފޭރިގަނެފައި ވަނީ ފޯނާއި ބީއެމްއެލް އެޕްގެ ޕާސްވޯޑު އެނގޭ މީހެއް މެދުވެރިވެގެންނެވެ. އަދި މި މައްސަލަ ހުށަހެޅިތާ 48 ގަޑިއިރުގެ ތެރޭގައި 1.6 މިލިއަން ރުފިޔާ ވަނީ ރިކަވާކޮށް ވެރިފަރާތާ ހަވާލުކޮށްފައެވެ. މި މައްސަލައިގައި 16 އަހަރުގެ ކުޑަ ކުއްޖަކާއި 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ އަންހެނެއް ވަނީ ހައްޔަރު ކޮށްފައެވެ.
ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ހެޑް އޮފް ފައިނޭންޝަލް ކްރައިމް ޔުނިޓްގެ އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވީ މައްސަލައިގެ ތަހުގީގު އެއްކޮށް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު އެއްކޮށް ފުރިހަމަކޮށްފައިވާ އިރު، ކުޑަ ކުއްޖަކު ހިމެނޭ ހެން އިތުރު ދެ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުން ބުނީ އެ ފައިސާ ބޭނުން ކޮށްފައި ވަނީ ފޯނާއި އިލެކްޓްރޯނިކްސް ސާމާނާއި ދޫނި އަދި އަތުކުރި ގަޑި ފަދަ ތަކެތި ގަތުމަށް ކަމަށެވެ.
ފުލުހުން ބުނީ މަކަރާއި ހިލަތުން ފައިސާ ހޯދުމުގެ މި އަމަލު ހިންގާފައިވަނީ މައްސަލަ ހުށަހެޅި މީހާގެ ފޯނު ޕާސްވޯޑް ހޯދައިގެން، ފޯނުން އެކައުންޓްގެ މައުލޫމާތުތައް ނެގުމަށްފަހު ކަމަށެވެ. މި މައްސަލައިގައި އެއްވެސް ބޭންކެއްގެ އިހުމާލެއް އޮތް ކަމަކަށް ފާހަގަ ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!