ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ "ދ-ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445" މިރޭ ފަށާނެއެވެ.
މި މުބާރާތުގެ ފުރަތަމަ ބުރުގެ ފުރަތަމަ ރޭގެ ކިޔެވުން މިރޭ 21:20 ގައި، ދިއްދޫގައި ހުންނަ ހއ.އަތޮޅު ތައުލީމީ މަރުކަޒުގެ ތިލައުތުރު މާލަމުގައި އޮންނާނެއެވެ. ކިޔެވުން އަޑުއައްސަވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އާންމުކޮށް ވަނީ ހުޅުވާލާފައެވެ.
މި މުބާރާތުގައި ވާދަކުރާނީ ހއ.އަތޮޅުގެ ހުރިހާ ރަށަކަށް، މުބާރާތުގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގެ ދަށުން އެކަމަށް އެދި ފޯމް ހުށހެޅި ފަރާތްތަކުގެ މެދުގައި ބޭއްވި އޮޑިޝަނުން އެންމެ ރަނގަޅު ނަތީޖާ ހޯދި 20 ބައިވެރިންނެވެ.
މުބާރާތުގެ ފުރަތަމަ ބުރުގެ ފުރަތަމަ ކިޔުމުގައި މިރޭ އޮންނާނީ ބަލައިގެން ކިޔެވުމާއި ތަޖުވީދުގެ ސުވާލުތަކެވެ. ފުރަތަމަ ބުރުގެ ދެވަނަ ކިޔުން އޮންނާނީ މާދަމާރެއެވެ. މާދަމާ ރޭ އޮންނާނީ ހިތުން ކިޔުމުގެ ބައެވެ. މާދަމާރޭ ޝޯއަށް ފަހު ދެވަނަ ބުރަށް 13 ބައިވެރިން ހޮވާނެއެވެ. ދެވަނަ ބުރުން ޖާގަ ލިބޭނީ ދެރޭ ކިޔެވުމުގެ މާކްސް އެއްކޮށްލުމުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 13 ބައިވެރިންނަށެވެ. ފުރަތަމަ ބުރުން ހަތް ބައިވެރިން މުބާރާތާއި އަލްވަދާއު ކިޔަން ޖެހޭނެއެވެ.
މުބާރާތުގެ ދެވަނަ ބުރުގައި ކިޔެވުން އޮންނާނީ މި މަހުގެ 21 އަދި 22 ގައެވެ. މުބާރާތުގެ ފައިނަލް ކުރިއަށް ގެންދަން ރާވާފައި ވަނީ ދެ ދުވަހަކަށް ބަހާލައިގެންނެވެ. ފައިނަލްގެ ފުރަތަމަ ކިޔެވުން މާޗް 28 ވަނަ ދުވަހުގެ ރޭ ބާއްވާއިރު، ގްރޭން ފިނާލޭ އޮންނާނީ ޖެހިގެން އަންނަ ރެއެވެ.
މުބާރާތުގެ ކިޔެވުން ބައްލަވައިލެއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކަށް ކޫޕަނެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ގުރުއަތުން ހޮވޭ ފަރާތްތަކަށް ވެސް އަގުހުރި އިނާމް ދިނުމަށް ވަނީ ނިންމާފައެވެ.
މުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުސަތު މިހާރު ވެސް ވަނީ ހުޅުވާލާފައެވެ. އިނާމް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 7656766 ، މި ނަމްބަރަށް ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް އިންތިޒާމްކުރާ ފަރާތުން އެދެއެވެ.
މި މުބާރާތަށް އަތޮޅު ތެރެއިން ދިއްދޫއަށް އަންނަ ބައިވެރިންގެ ދަތުރު ހަރަދާއި ހުރުމާއި ކެއުން ހިމެނޭހެން އެންމެހާ އިންތިޒާމްތައް މުބާރާތް ހިންގާ ފަރާތުން ހަމަޖައްސައިދެއެވެ.
މި މުބާރާތުގެ އެއްވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ވަނީ ތިން އުމްރާ ދަތުރު ދިނުމަށް ނިންމާފައެވެ. އަދި މީގެ އިތުރުން ވެސް ގިނަ ވަނަތަކެއް ހޮވައި އަގުހުރި އިނާމްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ އަތޮޅުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި ތަޖުވީދުގެ ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އަތޮޅުގައި އުފެއްދުމާއި ޤުރުއާން އުނގެނުމާއި އުނގައްނައި ދިނުމާއި ތަރުތީލުކޮށް ކިޔެވުމުގެ ގާބިލްކަން އުފެދޭނޭފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި ޤުރުއާން ހިތުދަސް ކުރުމުގެ ރޫހް ރަށަގެންނެވުމުގެ އިތުރުން ޤުރުއާނުގެ އެކި ފަންނުތަކަށް އަހުލުވެރި ކުރުވުމެވެ. އެ އަތޮޅުގައި ހާފިޒުން އުފެއްދުމާއި ރާއްޖެއާއި ރާއްޖެއިން ބޭރުންލިބޭ ޤުރުއާން މުބާރާތްތަކުގައި އެ އަތޮޅު ތަމްސީލްކުރާނޭ ދަރިންތަކެއް ތައްޔާރު ކުރުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދެކެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުންއެވެ. މުބާރާތުގެ އެންމެ ތާޒާ ހަބަރުތައް "ތިލަދުން" އިން ގެނެސްދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!