ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލްގެ މައްޗަށް އަށް ލައްކަ ރުފިޔާގެ ދަރަންޏެއް ސާބިތުވެއްޖެ

MP Ismail Dhuvaafaru

ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދުގެ މައްޗަށް އަށް ލައްކަ ރުފިޔާގެ ދަރަންޏެއް ސާބިތުވެ، 15 ދުވަސް ތެރޭގައި އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މެންބަރުގެ މައްޗަށް ސާބިތުވީ ތ. ކަނޑޫދޫ ސްކޫލްގެ ތިން ކްލާސްރޫމެއް އެޅުމުގެ މަޝްރޫއުގެ ސަބް-ކޮންޓްރެކްޓަރަށް އޭނާ ދޭން ޖެހޭ ފައިސާ ނުދީ އޮތުމުން އަރާފައިވާ ދަރަންޏެވެ. އެއީ 856،830 ރުފިޔާ އެވެ.

މި މަޝްރޫއުއަކީ އިސްމާއިލްގެ ކުންފުންޏާ 2018 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކުރި މަޝްރޫއު އެވެ. މަސައްކަތް ސަބް-ކޮންޓްރެކްޓްކުރީ މޫސާ ހަލީލް ކިޔާ މީހަކަށެވެ. އޭނާ ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ބުނަނީ އޭނާ އަމިއްލަ ތަކެތީގައި ކުރި މަސައްކަތާއި އަަގަށް އިސްމާއިލް 1.2 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށެވެ.

އެ ފައިސާގެ ތެރެއިން މިހާތަނަށް 425،000 ރުފިޔާ ލިބިފައިވާ ކަމާއި ކޯޓު މެދުވެރިކޮށް ހޯދަން އެދެނީ 856،830 ރުފިޔާ ކަމަށް މޫސާ ހަލީލްގެ ދައުވާގައިވެ އެވެ.

ދައުވާ ޖަވާބުދާރީވާން ކޯޓުން ދިން ފުރުސަތުގައި މެންބަރު އިސްމާއިލް އަހުމަދު ޖަވާބުދާރީވެފައިނުވާތީ 29 ވަނަ ދުވަހު ސިވިލް ކޯޓުން އޭނާގެ މައްޗަށް ދަރަނި ސާބިތުވާ ކަމަށް ހުކުމް ކުރީ ޣައިރު ހާޒިރުގަ އެވެ. 

ހުކުމްގައި އަންގާފައިވަނީ 856،830 ރުފިޔާ 15 ދުވަސް ތެރޭ ދައްކާ ހަލާސްކުރުމަށެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައިވާ ގޮތުން އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ، މެންބަރު ކަމުގެ ޝަރުތު ހަމައެއް ނުވާނެ އެވެ.

އެހެންކަމުން، 15 ދުވަސް ތެރޭގައި މެންބަރު އިސްމާއިލް މި ދަރަނި އަދާ ނުކޮށްފި ނަމަ، އޭނާގެ ގޮނޑިއާ މެދު ސުވާލު އުފެދޭނެ އެވެ. އޭނާ މިހާރު ވެސް ގެންދަނީ އަންނަ މަޖިލީހަށް ދުވާފަރު ދާއިރާ އިން އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *