މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ބޮޑު ޑްރެޖަރު "މަހާ ޖައްރާފު" ހަލާކުވެ އަހަރަކަށް ވުރެ ގިނަ ދުވަހު ގްރައުންޑުވެފައި އޮތުމަށް ފަހު މަރާމާތުކޮށް އޮޕަރޭޝަނަށް ނެރެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް، މަހާ ޖައްރާފު ގްރައުންޑު ކުރިތާ 20 މަސް ދުވަސްވެފައިވާ ކަމަށެވެ. މީގެ ސަބަބުން، އެމްޓީސީސީން ކުރިއަށްގެންދިޔަ ބިންހިއްކުމުގެ މަޝްރޫއުތަކަށް ވަރަށް ބޮޑަށް ހުރަސްއެޅުނު ކަމަށް އެ ކުންފުނިން ބުންޏެވެ.
މަހާ ޖައްރާފު ގްރައުންޑްވާން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ ރަނގަޅަށް ޝެޑިއުލްކޮށް މެއިންޓަނަންސް ނުކޮށް އޮތުން ކަމަށާއި އެފަދަ އަގުބޮޑު އުޅަނދަކަށް ބަލަންޖެހޭ މިންވަރަށް ނުބަލާ ކުރީގެ މެނޭޖްމަންޓުން އިހުމާލުވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މަހާ ޖައްރާފު ބޭނުން ނުކުރެވި 571 ދުވަސް ހޭދެވެފައި ވާއިރު 47 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހިންގުމުގެ ހަރަދުގެގޮތުގައި މި މުއްދަތުގައި ހޭދަކުރަން ޖެހުނު ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި މިކަމުގެ ސަބަބުން އާމްދަނީން 510 މިލިޔަން ރުފިޔާ ގެއްލިފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކާކަމަށާއި އެ މުއްދަތުގެ ތެރޭގައި ބޭރުން ޑްރެޖަރެއް ބޮޑުއަގުގައި ލީޒްކޮށްގެން ގެނެސް ބައެއް ބިން ހިއްކުމުގެ މަސައްކަތްތައް ކުރަން މަޖުބޫރުވެ، ބިން ހިއްކުމުގެ މަޝްރޫއުތަކުން ކުންފުންޏަށް ލިބެން އޮތް ފައިދާ ވަރަށް ބޮޑަށް ދަށްވިކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ބިން ހިއްކުމަކީ އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީ ލިބެން އޮތް މަގަށް ވާއިރު، އާ މެނޭޖްމަންޓުން މަހާ ޖައްރާފު އަވަހަށް އޮޕަރޭޝަނަށް ނެރުމަށް އިސްކަން ދީ، ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ މަސައްކަތްތަތުގެ ދަށުން ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތެރޭގައި މަރާމާތުތައް ނިންމައި މިދިޔަ ޖެނުއަރީ މަހު މަހާ ޖައްރާފު އޮޕަރޭޝަނަށް ވަނީ ނެރެފައެވެ.
މަހާ ޖައްރާފު މިހާރު އަންނަނީ އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!