އާ އަހަރާ ގުޅުވައިގެން ފުލުހުން އިއްޔެ އާއި ރޭ ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނުގައި ރާއްޖޭގެ އެކި ރަށްރަށުން 110 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި އެންމެ ގިނަ މީހުން ހައްޔަރުކުރީ ބަނގުރާ ބޭނުންކޮށްގެންނާއި މަގުމަތީގެ އާއްމު ހަމަޖެހުން ނަގާލަން އުޅުނުކަމުގެ ތުހުމަތުގަ އެވެ.
ފުލުހުން މިހާތަނަށް އާއްމުކޮށްފައިވާ ހިސާބުތަކުގައިވާ ގޮތުން އެންމެ ގިނަ ބަޔަކު ހައްޔަރު ކުރީ ޏ. ފުވައްމުލަކުންނެވެ. އެ ރަށުން ޖުމްލަ 23 މީހުން ހައްޔަރުކުރި އެވެ. މީގެ އިތުރުން އެ ރަށުގެ ހަތަރު ގެއަކުން ބަނގުރާ ކައްކަން ބޭނުން ކުރާ ސާމާނު ފެނުނު އިރު، އެ ގެތަކުން، މަސްތުގެ ހާލަތުގައި ތިބި ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަނުގައި މާލެއިން 500 އަށް ވުރެ ގިނަ މީހުން ހުއްޓުވައި ސުވާލު ކުރި އެވެ. އޭގެ ތެރެއިން 350 މީހުންގެ ކުށުގެ ރެކޯޑް އޮވެ އެވެ. އަދި 900 އަށް ވުރެ ގިނަ އުޅަނދު ފުލުހުން ވަނީ ބަލާ ފާސްކޮށްފަ އެވެ.
މީގެ އިތުރުން މާލެއިން 19 މީހުން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެގައި 4 ކުޑަކުދިންވެސްް ހިމެނެއެވެ.
އާ އަހަރާ ދިމާކޮށް ހިންގަފާނެ ކުށްތައް ބަލައި އެކަން ހުއްޓުވުމަށް ފުލުހުން ހިންގި މި އޮޕަރޭޝަނުގައި އެކި މީހުން ހުއްޓުވައި ބަލާ ފާސްކޮށްފައި ވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!