މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރި 281 ވެހިކަލް ނައްތާލައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމުގެ ދަށުން މި ހަފްތާގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ކުރެވުނު މަސައްކަތުން ގިނަ ދުވަސްވަންދެން ބޭނުންނުކޮށް މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިހުރި އުޅަނދު ތަކުގެ ތެރެއިން ޖުމްލަ 123 އުޅަނދު ނައްތާލެވިފައިވާ ކަމަށެވެ.
ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމުގެ ދަށުން މި ހަފްތާގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ކުރެވުނު މަސައްކަތުން ގިނަ ދުވަސްވަންދެން ބޭނުންނުކޮށް މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިހުރި އުޅަނދު ތަކުގެ ތެރެއިން ޖުމްލަ 123 އުޅަނދު ވަނީ ނައްތާލެވިފައި.
1/2 pic.twitter.com/NbPlFoBbcS— Ministry of Transport and Civil Aviation (@MoTCAmv) March 10, 2024
މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޖުމުލަ 281 އުޅަނދު ވަނީ ނައްތާލެވިފައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ނައްތާލި އުޅަނދުތަކުގެ ތެރޭގައި ގިނައީ ކާރެވެ.
މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައިވާ އެއްގަމު އުޅަނދުތައް ޓޯކޮށް، ނައްތާލުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން އިސް ނަގައިގެން ބައެއް އިދާރާތަކާ ގުޅިގެން ފެށީ މިދިޔަ މަހުގެ 17 ގައެވެ. މި ޕްރޮގްރާމްގައި ދެން ބައިވެރިވަނީ ސިޓީ ކައުންސިލާއި އެޗްޑީސީ އާއި ވެމްކޯ އަދި ފުލުހުންނެވެ.
މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ޕާކްކޮށް، ދުއްވާ އުޅަނދުތަކަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ދަނީ ދަތިތަކާ ކުރިމަތިވަމުންނެވެ. މި މައްސަލަ އެންމެ ބޮޑަށް ދިމާވީ މާލޭގައި ގަވައިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތަކާ މެދުގައި ފިޔަވަޅު އަޅައި ސްޓިކާ ޖެހުން ހުއްޓާލި ހިސާބުންނެވެ. އެކަމަކު، އެ މައްސަލަ ބޮޑުވުމާ އެކު ފުލުހުން މިހާރު ވަނީ ގަވައިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތައް ޓޯ ކުރަން ފަށައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!