ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ ހަވީރީފިނި، ފާތިމަތު ލުޖައިން އިބްރާހިމްއަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން އުނގެނެންފަށައި މުބާރާތްތަކުގައި ވާދަކުރަމުން އައިސްފައިވާ ކުއްޖެކެވެ. މުބާރާތްތަކުން ލިބެމުންދިޔަ ކާމިޔާބީތަކުގެ ސަބަބުން އޭނާގެ ހިތުގައި ޤުރުއާން ކިޔެވުމަށް އިތުރަށް ޝައުގުވެރިކަން އުފެދިގެން ދިޔައެވެ.

މުބާރާތުން ރަނގަޅު ކާމިޔާބެއް ހޯދުމަށް މަސައްކަތް ކުރުމުގެ އިތުރުން ލުޖައިން މި މުބާރާތުގައި ވާދަކުރަން ޝައުގުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ މި މުބާރާތުން ޤުރުއާން އިތުރަށް ދަސްކުރަން ހިތްވަރު ލިބިގެން ދިޔުމެވެ.

Ad
rt

ލުޖައިން ވަނީ މިހާތަނަށް އޭނާ ބައިވެރިވި މުބާރާތްތަކުން ފާހަގަ ކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ލުޖައިން ޤުރުއާން މުބާރާތްތަކުން ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް

  • 2017 ވަނަ އަހަރު ތިލަދުންމަތީ އުތުރުބުރީ ކައުންސިލް އިދާރާއިން ރަމަޟާންމަހު ބޭއްވި ޤުރްއާން މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ
  • ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ނޫރު ޤުރްއާން މުބާރާތް، 1443 އިން 13 އަހަރުންދަށުގެ އުމުރުފުރައިން ބަލައިގެން ކިޔެވުމުގެ ބައިން 3 ވަނަ
  • ޗޭނު ޖަމިއްޔާގެ 10 ވަނަ ޤުރްއާން މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން ގްރޭޑު 7 ގެ ބައިން 3 ވަނަ
  • ޗޭނު ޖަމިއްޔާގެ 9 ވަނަ ޤުރްއާން މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން ގްރޭޑު 6 ގެ ބައިން 2 ވަނަ
  • ޗޭނު ޖަމިއްޔާގެ 8 ވަނަ ޤުރްއާން މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން ގްރޭޑު 5 ގެ ބައިން 3 ވަނަ
  • ޗޭނު ޖަމިއްޔާގެ 7 ވަނަ ޤުރްއާން މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން ގްރޭޑު 4 ގެ ބައިން 2 ވަނަ

ކޮންމެ ދުވަހަކު ވެސް ލިބޭ ހުސްވަގުތުގައި ޤުރުއާނުން މިންވަރެއް ކިޔެވުމަށް އިސްކަންދީ ކިޔެވުން ދުވަހުން ދުވަހަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ލުޖައިންއަށް ޤުރުއާން އުނގައްނައި ދިނުމުގައި މައިންބަފައިންނާއި އާއިލާގެ މެމްބަރުންނާއި މުދައްރިސުން ކޮށްދެއްވާ މަސައްކަތް އޭނާ ފާހަގަ ކުރަނީ ޝުކުރުވެރިކަމާއި އެކުގައެވެ.

މުބާރާތުގެ ގަދަ ދިހަ ބައިވެރިންގެ ތެރޭގައި ހިމެނުމަކީ އޭނާގެ ފުރަތަމަ އަމާޒެވެ. އެއަށްފަހު ފައިނަލަށް ދަތުރުކޮށް މުބާރާތް ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަކީ އޭނާގެ އުންމީދެވެ.