ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ގެނައި ފިޔާ، ބިސް އަދި އަލުވި ވިއްކަން ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ، މިއަހަރުގެ ރޯދަޔަށް ގެނައި ފިޔާ، ބިސް އަދި އަލުވީގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެ ގެނެސް މާކެޓަށް ނެރެފައިވާ ކަމަށެވެ. އަދި މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖުން ވިއްކަން ފަށާފައިވާ ކަމަށެވެ.
ހޯލްސޭލްކޮށް މުދާ ދޫކުރާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި ތިން ބާވަތް ހުސްނުވެ ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް، އިތުރު ޝިޕްމެންޓްތަކެއް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި އެ ތަކެތި ގެނައުމަށް ރާވާފައިވާނީ މާކެޓް ސްޓޭބަލައިޒް ކުރުމަށް ޑިމާންޑް އަދި ސަޕްލައިއަށް ބަލައިގެން ކަމަށްވެސް ބުންޏެވެ.
އެކުންފުނިން ބުނީ، އަތޮޅުތެރޭގެ 11 ސަރަހަދެއްގައި ގާއިމްކޮށްފައިވާ އެސްޓީއޯގެ 11 ފިހާރަތަކުން ފިޔާ، ބިސް އަދި އަލުވި ފޮނުވާނެ ކަމަށެވެ. އަދި އެ ތަކެތި ސަރަހައްދީ އެހެން ރަށްރަށަށް ފޯރުކޮށްދިނުމުގައި އެހީވާނެ ކަމަށެވެ.
މީގެ އިތުރުން ރޯދަމަހަށް ހާއްސަކޮށްގެން، ޒަރޫރީ ބޭނުމަށް ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތައްވެސް ގެންނާނެ ކަމަށެވެ. އޭގެތެރޭގައި، ލީސިން ޕާޓްނަރުން ފޯރުކޮށްދޭ މުދާވެސް ހުސްނުވެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ލިބެން ހުންނާނެ ކަމަށާއި މާކެޓްގައި ޒަރޫރީ ބޭނުމަށް ބޭނުންވާ ވަކި މުދަލެއްގެ އަގު މަތިވެގެން އަންނަނަމަ އަގު ކޮންޓްރޯލް ކުރުމަށް އެކުންފުނިން މަސައްކަތްވެސް ކުރާނެ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން ފިޔާ ކިލޯއް ވިއްކަނީ 20 ރުފިޔާއަށް، އަލުވި ކިލޯއެއް 15 ރުފިޔާއަށް އަދި ބިހެއް 1.75 ރުފިޔާއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!