ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ށ. ދިގުވެލިދޫގައި އެއާޕޯޓެއް ތަރައްޤީކޮށްދެއްވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އިއްޔެ ށ. ކޮމަންޑޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިގުވެލިދޫގައި އެއާޕޯޓެއް ތަރައްޤީކޮށްދެއްވުމަކީ ކޮމަންޑޫ ރައްޔިތުންނަށް ރައީސް ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންފައިވާ ވަޢުދުފުޅެކެވެ.
ކޮމަންޑޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެ ރަށުގެ ބިން ފުރިފައިވުމާއެކު ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު އަންނަންޖެހޭކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އެ ރަށުގެ ބަންދަރާ ގުޅިފައިވާ އެކި މަސައްކަތްތަކާއި، ފެނާއިނަރުދަމާ މަޝްރޫޢުގައި ހައްލުކުރަން ހުރި ކަންކަމާއި އަދި މި ނޫންވެސް އެރަށުގެ ތަރައްޤީއަށް ކުރިއަށްދާ އަދި ކުރަންހުރި މަސައްކަތްތައް ފާހަގަކުރައްވައި މި ހުރިހާ މަޝްރޫޢެއް ފުރިހަމަކޮށްދެއްވައި އެ މައްސަލަތަކަށް ދާއިމީ ހައްލުތައް ހޯދައިދެއްވާނެކަމުގެ ޔަޤީންކަން އެ މަނިކުފާނު ވަނީ ދެއްވާފައެވެ.
މީގެ އިތުރުން ކޮމަންޑޫ އާއި މަތިކޮމަންޑުއާ ގުޅާލުމުގެ މަޝްރޫޢުވެސް މި ސަރުކާރުން ކުރިއަށްގެންދާނީ ރައްޔިތުންނާ މަޝްވަރާކޮށްގެން، ރައްޔިތުން އެމަޝްރޫޢަށް ބަދަލުތަކެއް ގެންނަން އެދޭނަމަ އެބަދަލުތަކަކާވެސް އެކުގައިކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!