ބާރަށުގައި ހުރި 400 އަހަރުވީ ކާނި ގަހުގައި ރޯކޮށް އަންދާލައިފި

photo_2024-02-28_13-24-55

ހއ. ބާރަށުގައި ހުރި 400 އަހަރުވީ ކާނި ގަހުގައި ރޯކޮށް އަންދާލައިފިއެވެ.

ކާނިގަހަކީ އެރަށު އީދުކުޅޭ މަގުގައި، ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކަމަށް ބުނާ ކާނި ކަޑައިން ހެދުނު ގަހެކެވެ. ބާރަށުގެ ކާނިގަސް ކައުންސިލުން ބަލަހައްޓަމުން އަންނަނީ އާސާރީ ތަރިކައެއްގެ ގޮތުގައެވެ. ކާނި ގަހުގައި ރޯކޮށްލި ސީދާ ސަބަބެއް ސާފު ނުވި ނަމަވެސް ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އެ ގަހުގައި ރޯކޮށްލާފައި ވަނީ ސިޔާސީ ގޮތުން އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ތެރެއިންނެވެ.

މި ގަހުގައި ރޯކޮށްލުމާ ގުޅިގެން ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިނިސްޓްރީ އޮފް ސިޓީސްގެ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ކާނި ގަހުގައި ރޯކޮށްލި މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.

"މިއީ ވަރަށް ހިތާމަހުރި، އަޅުގަނޑު ކަންބޮޑުވާ ކަމެއް. ރާއްޖޭގައި ހުރި ތާރީހީ އަދި އާސާރީ މިފަދަ ތަކެއްޗަށް ގެއްލުންދޭ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަންޖެހޭ،" މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

ކާނި ގަސް އަންދާލުމާ ގުޅިގެން ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. ޔުމްނާ މައުމޫން ވަނީ މި މައްސަލަ ވީ އެންމެ އަވަހަކަށް ބަލައި ފިޔަވަޅު އަޅަން ގޮވާލައްވައިފައެވެ.

"މި ފަދަ ތާރީހީ ތަކެއްޗާއި ތަންތަން ހަލާކު ކުރާ މީހަކަށް/ބަޔަކަށް ފިޔަވަޅު އެޅުމުގެ ބާރު ރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނުން ލިބިދީފައިވޭ." ޔުމްނާ ވިދާޅުވިއެވެ.

ކަޅުއޮށްފުންމިއަކީ 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްތާން އަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެ މީހުންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވުމަށް އުތީމު މަހާރަދުން ބެންނެވި އޮޑިއެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި