ހއ. ވަށަފަރު ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް މި އަހަރު ފަށާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަށަފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު ކެމްޕެއިންގެ ތެރޭގައި ވައުދުވެވަޑައިގެންނެވި ކަންކަމާއި އިތުރު ކަންކަން ވެސް ރައްޔިތުންނަށްޓަކައި ކޮށްދެއްވާނެ ކަމަށެވެ.
އެގޮތުން ވަށަފަރު ބިން ހިއްކުމުގެ މަޝްރޫއަކީ ވެސް ކެމްޕެއިންގެ ތެރޭގައި ވެވަޑައިގެންނެވި ވައުދެއް ކަމުގައި ރައީސް ފާހަގަ ކުރެއްވިއެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، އިގްތިސާދު އޮތް ހާލަތު އެންމެންނަށް ވެސް ރަނގަޅަށް މިހާރު ސާފުވެފައި އޮންނާނެތީ މަޝްރޫއުތައް ފެށުމުގައި ތަރުތީބެއް ގެންގުޅެމުން އަންނަ ކަމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
"އެހެންވީމަ މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން ބިން ހިއްކުމުގެ މަސައްކަތް ވެސް، ދެން ހުރި މަސައްކަތް ވެސް ކުރިއަށް ގެންދާނަން. ވަކިން ހާއްސަކޮށް ބިން ހިއްކުމުގެ މަޝްރޫއު ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް ކުރިއަށް ގެންގޮސްދޭނަން،" ރައީސް ވިދާޅުވިއެވެ.
ވަށަފަރުގެ މަޑުޖެހިފައި އޮތް ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ވެސް ވީހާވެސް އަވަހަށް ނިންމާ ހިދުމަތް ލިބޭނެ ގޮތް ހަދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ރަށު ފެންވަރުގައި ލެބޯޓްރީގެ ހިދުމަތް ގާއިމުކުރުމާއި، ސްކޫލްގެ މަލްޓި ޕާޕަސް ހޯލްގެ މަސައްކަތާއި ކުނި މެނޭޖުކުރެވޭނެ ޒަމާނީ ނިޒާމު ގާއިމުކޮށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!