ރާއްޖެއަކީ ހަމައެކަނި މާލެ ކަމަށް ބަލައިގެން ގާނޫނުތައް ހެދުން ހުއްޓާލަން ޖެހޭ ކަމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވައިކަރަދޫ ދާއިރާ އަށް ވާދަކުރައްވާ ޙުސައިން ޘަޤީފް މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ 17 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދިމާކޮށް ޕީއެސްއެމް ނިއުސް އިން ގެނެސްދޭ "މަޖިލިސް ބަހުސް 2024" ގައި ވާހަކަ ދައްކަވަމުން ޘަޤީފް ވިދާޅުވީ ވައިކަރަދޫ ދާއިރާ އަށް އެންމެ ބޮޑަށް ބޭނުން ވަނީ ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ގޮތްތައް ފަހިވާން ކަމަށެވެ.
އެގޮތުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތާއި އެކަށީގެންވާ ސިއްހީ ހިދުމަތެއް ލިބުމާއި ދެވޭ ތައުލީމްގެ ފެންވަރު ރަނގަޅުވުމާއި އަމާން ވެއްޓެއް ގާއިމުވެފައި އޮތުމާއި ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ލިބެން ދާއިރާގެ ރައްޔިތުން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު އިންތިހާބުވެއްޖެ ނަމަ، ރައްޔިތުންގެ މަޖިލިހުގެ ތެރެއިން މި ދެންނެވި ދާއިރާގެ ރަށްތައް ކުރިއަށް ގެންދިއުމަށްޓަކައި ހަދަން ޖެހޭ ގާނޫނުތަކާއި ގަވައިދުތައް ހެދުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރާނަން،" ޘަޤީފް ވިދާޅުވިއެވެ.
ޘަޤީފް ވިދާޅުވި ގޮތުގައި މިހާރު ހަދާފައި ހުރި ބައެއް ގާނޫނުތަކާއި ގަވާއިދުތަކަށް ބަލާއިރު ބޮޑަށް ފާހަގަ ކުރެވެނީ ރާއްޖެއަކީ ހަމައެކަނި މާލެ ކަމަށް ބަލައިގެން، ބައެއް ގާނޫނުތަކާއި ގަވާއިދުތައް ހަދާފަ ހުރި ކަމެވެ. އެ ގާނޫނުތަކަށް އަތޮޅުތަކުގެ ރައްޔިތުން އަމަލު ކުރަންޖެހޭ އިރު، އެ ވަނީ ވަރަށް ބޮޑު ތަކުލީފަކަށް ކަމުގައި އޭނާ ވިދާޅުވިއެވެ.
ޘަޤީފް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް މަޖިލިސް އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ރަށްތައް ކުރިޔަށް ގެންދިއުމަށްޓަކައި ހަދަންޖެހޭ ގާނޫނުތަކާއި ގަވާއިދުތައް ހެދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރާނެ ކަމަށެވެ.
"އެހެންކަމުން މިފަދަ ގާނޫނުތަކާއި ގަވައިދުތައް އަތޮޅު ތެރޭގެ މީހުންނަށް ތަކުލީފަކަށް ނުވާނެ ގޮތަކަށް ބާރު އަޅައި މަސައްކަތް ކުރާނަން. ތިޔަބޭފުޅުން ކެންޑިޑޭޓު ނަންބަރު 2 އިހްތިޔާރު ކުރައްވާ،" ޘަޤީފް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!