ޒޯން-1 ގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ، އެންމެ ފަހުގެ ދެ އަހަރުގެ ވެސް ޗެމްޕިއަންކަން ހޯދި ވަރުގަދަ ނައިވާދޫ ބަލިކޮށް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ޒޯން އެކެއްގެ ޗެމްޕިއަންކަން އުތީމުން ކާމިޔާބު ކޮށްފިއެވެ.

އުތީމާއި ނައިވާދޫ ބައްދަލުކުރި ފައިނަލް މެޗު ރޭ ކުޅެފައިވާއިރު، މި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އުތީމުން ނައިވާދޫގެ މައްޗަށް ކުރި ހޯދީ 7-6 ގެ ނަތީޖާއިންނެވެ.

Ad
rt

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އުތީމުންނެވެ. މި ލަނޑު ތިންވަނަ މިނެޓުގައި ޖަހައިދިނީ މުހައްމަދު ނަބީލްއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނައިވާދޫގެ އަހްމަދު ހަމީދު ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ދެވަނަ ހާފުގެ ކުރީކޮޅު ދެވަނަ ފަހަރަށް އުތީމަށް ލީޑު ލިބުނީ މުހައްމަދު ރިޝްމީ ކާމިޔާބުކުރި ލަނޑުންނެވެ. ނަމަވެސް މެޗު ނިމުމުގެ ކުރިން އަހްމަދު ހަމީދު ވަނީ ނައިވާދޫއަށް ދެވަނަ ލަނޑު ޖަހައިދީފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އުތީމް ޓީމްގެ މުހައްމަދު ނަބީލްއެވެ. އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށް ހޮވުނީ ދިއްދޫ ޓީމްގެ ހައިޝަމްއެވެ. މި ޒޯންގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ނައިވާދޫގެ އަބްދުﷲ ޝާފިއުއެވެ.