އިންތިހާބަކާ ނުލައި އެމްޑީޕީގެ ރައީސް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަމަޖެހިއްޖެއެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު، އެ މަގާމަށް ކުރިމަތިލެއްވީ ޝާހިދު އެކަނި ކަމަށެވެ. އެހެންވެ، ޝާހިދު އިންތިހާބަކާ ނުލައި އެ މަގާމަށް ހޮވިފައިވާ ކަމަށް ވެސް އެމްޑީޕީގެ އިއުލާންގައިވެއެވެ.

Ad
rt

އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ފަހުން އެމްޑީޕީން ވަނީ އެ ޕާޓީގެ ވަގުތީ ރައީސްގެ ގޮތުގައި ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހް ހަމަޖައްސާފައެވެ.

ޝާހިދު މިދިޔަ އާދިއްތަ ދުވަހު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާ ފޯރިއަކާއި އާ ޖޯޝަކާ އެކު، އާ ބާރެއްގައި އެމްޑީޕީ ނުކުމެ ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ އަލުން ގެންދިއުމަށް އެންމެން އެކުވެ، އަތުގުޅާލަންވެއްޖެ ކަމަށެވެ.

"އާ ފޯރިއަކާއި އާ ޖޯޝަކާ އެކު އާ ބާރެއްގައި އެމްޑީޕީ ނިކުމެ ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ އަލުން ގެންދިޔުމަށް އެންމެން އެކުވެ އަތުގުޅާލަން ވެއްޖެކަން ބަލާލި ކޮންމެ ދިމާލަކުން މިއަދު މިއޮތީ ފެންނަން،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ އެމްޑީޕީގެ ސަރުކާރުގައި އދ. ގެ އާންމު މަޖިލިހުގެ ރައީސްކަން ކުރައްވައިފައެވެ. އޭގެކުރިން ވ. އަތޮޅުގެ މެމްބަރުކަމާއި ކެޔޮދޫ ދާއިރާގެ މެންބަރު ކަމާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު ކަން އޭނާ ކުރެއްވި އެވެ. ކެޔޮދޫ ދާއިރާގެ މެންބަރަކަށް ހުންނެވި ދައުރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ޝާހިދު ފުރުއްވިއެވެ.