ޗައިނާގައި ޒުވާން އުމުރުގައި ކައިވެނި ނުކޮށް، ކައިވެނި ފަސް ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޗައިނާގެ އާބާދީގެ ތެރެއިން އުމުރުން 25 އަހަރާއި 29 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން %50 މީހުން މިދިޔަ އަހަރު ނިމުނުއިރު ވެސް ކައިވެނިކޮށްފައެއް ނުވެއެވެ. އޭގެތެރޭގައި ގިނައީ ބޮޑެތި ސިޓީތަކާއި އަވަށްތަކުގައި ދިރިއުޅެމުން ނުދާ ޒުވާނުންނެވެ. އެ ޒުވާނުން ކައިވެންޏަކާ ހަމައަށް ނުދާ އެންމެ ބޮޑު އެއް ސަބަބަކީ ޗައިނާގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ދަށްވަމުން އަންނާތީ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

Ad
rt

ޗައިނާގެ އިންފްރާސްޓްރަކްޗާ ކުންފުންޏެއްގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 32 އަހަރުގެ ޒަންގް ޔޫ ބުނީ އޭނާ މީހަކާ ކައިވެނި ނުކޮށް ފަސް ކުރަނީ ނަގާފައިވާ ހުރި ލޯންތައް ގިނަކަމުން ކަމަށެވެ. އޭގެ ތެރޭގައި ގެއާއި ކާރު ފަދަ ތަކެތި ހިމެނޭ ކަމަށް އޭނާ ބުންޏެވެ. އިގްތިސާދީ ހާލަތު ދަށްވެ، އާމްދަނީ ލިބުން ހުއްޓިއްޖެ ނަމަ، ކުރަން ޖެހޭނެ ހަމައެކަނި ކަމަކީ އަތުގައި ހުރި މުދާތައް ވިއްކާލުން ކަމަށް ވެސް އޭނާ ބުންޏެވެ.

ޗައިނާ ޕޮޕިއުލޭޝަން އެންޑް އެމްޕްލޮއިމަންޓް ސްޓެޓިސްޓިކަލް އިޔާ ބުކް 2023 އިން ހާމަކޮށްފައިވާ ގޮތުގައި ޗައިނާގައި ކައިވެނި ނުކުރާ އުމުރުން 25 އަހަރާއި 29 އަހަރާ ދެމެދު މީހުންގެ އަދަދު %56.9 އަށް އަރައެވެ. އޭގެތެރެއިން %47.4 މީހުންނަކީ ބޮޑެތި ސިޓީ ފަދަ ތަންތަނުގައި ނޫޅޭ މީހުންނެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ޗައިނާ އިން ވަނީ އިގްތިސާދީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ވަޒީފާތަކުން މީހުން ކެނޑުމާއި މުސާރަތައް ކުޑަ ކުރުން ފަދަ ކަންކަން ހިމެނެއެވެ. ޒުވާނުން ކައިވެނި ނުކޮށް މަޑު ކުރާ އެއް ސަބަބުގެ ގޮތުގައި މިކަންކަން ވެސް ހިމެނެއެވެ.

ޗައިނާގައި ކައިވެނި ކުރާ މީހުންގެ އަދަދު އަހަރަކަށް ފަހު އަހަރެއް ދަނީ ދަށްވަމުންނެވެ. އެގޮތުން 2021 ވަނަ އަހަރު 7.63 މިލިއަން މީހުން ކައިވެނި ކުރިއިރު، 2022 ވަނަ އަހަރު ކައިވެނި ކުރި މީހުންގެ އަދަދު ވަނީ 6.83 މިލިއަނަށް ދަށްވެފައެވެ.

"ކައިވެނި ކުރުމަކީ މިހާރު ޗައިނާގައި މަރުވަމުން އަންނަ ކަމެކޭ ބުންޏަސް ދޮގަކަށް ނުވާނެ. ކައިވެނި ކުރުމުން ލިބޭ އުފަލަށް ވުރެ ލިބޭ މާޔޫސްކަން ބޮޑު. ޕްރޮޕަޓީ މާކެޓް ރަނގަޅެއް ނޫން. އަދި ދަރިއަކު ހޯދުމަކީ ވެސް މާ އަގު ބޮޑު ކަމެއް،" ޝަންހާއީގައި މަސައްކަތް ކުރާ އުމުރުން 26 އަހަރުގެ ލެބް ޓެކްނީޝިއަން ޒޫ ޒަންގް ބުންޏެވެ.

ޗައިނާގެ ކުދި އަވަށްތަކުގައި ދިރިއުޅޭ ޒުވާނުން މިހާރަކަށް އައިސް ކިޔެވުމަށާއި ވަޒީފާ އަދާކުރަން ބަދަލު ވަނީ ބޮޑެތި ސިޓީތަކަށެވެ.