ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރުކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކުގައި ލިފްޓްހަރުކުރުމަށް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޝެންޔަންގް ޔުއާންޑް އިންޓެލެކްޗުއަލް ގުރޫޕްއާ އެކުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހިޔާ ފްލެޓްތަކުގައި ޖުމްލަ 32 ލިފްޓް ބެހެއްޓޭނެއެވެ. އެއީ ކޮންމެ ޓަވަރެއްގައި ދެ ލިފްޓެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުން ހިޔާ ފްލެޓު މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު ވަނީ ހަދައިފައެވެ.
އެޗްޑީސީން ބުނި ގޮތުގައި ކޮންމެ ޓަވަރެއްގައި ގާއިމު ކުރުމަށް ހަމަޖެހިފައި ވަނީ ޕެސެންޖާ އަދި ސްޓްރެޗާ ލިފްޓެކެވެ. މި މަޝްރޫއުގެ މަސައްކަތް ފެށިފައިވާ އިރު، މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
މި މަޝްރޫއުއަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ މީހުންނަށް ފްލެޓްގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް އެޗްޑީސީން ބުންޏެވެ. މި ލިފްޓުތައް ގާއިމްކުރުމުން ލިފްޓަށް އެރުމަށް އޮންނަ ކިއޫ ކުޑަވެ، ލިފްޓް ގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!