އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ދުބާއީގައި ބޭއްވި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި 130 ކުންފުންޏަކުން 290 މަންދޫބުން ބައިވެރިވި ކަމަށް މިނިސްޓްރީން ބުނެފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފްވެރިކޮށް ދެއްވި މި ފޯރަމްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަދި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ފޯރަމްގައި އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް ޑިރެކްޓާ ޖެނެރަލް ވެސް ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވިއެވެ.

Ad
rt

އިކޮނޮމިކް މިނިސްޓްރީން ބުނީ ސަރުކާރާއި އެކިއެކި ވިޔަފާރިތަކާ ދެމެދު ފަސޭހަ މާހައުލެއްގައި ވާހަކަދެވި ގުޅުން ބަދަހި ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ބޭއްވި މި ފޯރަމްގައި ސަރުކާރުގެ މުހިންމު އިސްތިރާޖީ މަޝްރޫއުތަކަށް އަލިއަޅުވާލެވިފައިވާ ކަމަށެވެ. ފޯރަމްގައި ޕޯޓް، ލޮޖިސްޓިކް، އިއާދަކުރަނިވި ހަކަތަ، ރިއަލް އެސްޓޭޓް، ފަތުރުވެރިކަން އަދި ބިނާވެރިކަން ފަދަ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ކުންފުނިތައް ބައިވެރިވި ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މި ފޯރަމްގައި އިންވެސްޓްމަންޓް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ކުރިއަށް ދިޔުމަށް އޮތް ތަސައްވުރާއި ބައިނަލްއަގުވާމީ ބައިވެރިންނާއިއެކު އިންވެސްޓްމަންޓް ޕާޓްނާޝިޕްތައް ގާއިމު ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައި ރައީސް މުއިއްޒު ވާހަކަފުޅު ދެއްކެވިއެވެ.

އޭގެ އިތުރުން ދިވެހި އިގުތިސާދު ތަރައްގީ ކުރުމުގައި ރާއްޖޭގައި ހުރި ވަސީލަތްތައް ބޭނުންކޮށް ދިވެހީންގެ ރާއްޖެ މެނިފެސްޓޯއާ އެއްގޮތްވާ ގޮތުގެ މަތިން ތަރައްގީގެ ކަންކަން ކުރިއަށް ގެންދިޔުމަށް އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅު ވެސް ހިއްސާ ކުރެއްވިއެވެ. ހަމަ އެހެންމެ ރާއްޖޭގެ އިގްތިސާދު ކުރި އެރުވުމުގައި މިހާރު ވެސް ހަރަކާތްތެރިވާ، ރާއްޖޭގައި އިންވެސްޓް ކޮށްފައިވާ ޔޫއޭއީގެ އެކި ވިޔަފާރިތަކުގެ ބައިވެރިވުން ފާހަގަ ކުރައްވައި އެ ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

މި އިންވެސްޓް ފޯރަމް ނިމިގެން ދިޔައީ ބައިވެރިންނާއި ސަރުކާރުގެ އިސް އޮފިޝަލުންނާއި އެކު ކުރިޔަށް ގެންދެވުނު އިންޓަރެކްޓިވް ސެޝަނަކަށްފަހުއެވެ. އެ ސެޝަންގައި ރާއްޖޭގެ އިގްތިސާދު ތަރައްގީ ކުރުމަށް މުހިންމު ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ބަދަލު ކުރެވުނު ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ފޯރަމް ނިންމާލުމުގެ ގޮތުން ބޭއްވުނު ނެޓްވޯކިން ސެޝަންގައި ދެ ގައުމުގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކޮށް ވިޔަފާރި އާއި އިންވެސްޓްމަންޓްގެ އާ ފުރުސަތުތައް ފަހިވެގެން ދިޔަ ކަމަށެވެ.

ރާއްޖެ އިން އިންތިޒާމުކޮށްގެން ދުބާއީގައި އިންވެސްޓަމަންޓް ފޯރަމެއް ބޭއްވިއިރު، މިދިޔަ މަހު ޗައިނާގައި ވެސް އިންވެސްޓްމަންޓް ފޯރަމެއް ބޭއްވިއެވެ.