ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވި މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޓިކެޓު އަތުލައި ޕާޓީން ވަކިކޮށްފައި ވަނިކޮށް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.
ޖާބިރު، ޕާޓީން ވަކިކޮށް ޓިކެޓު އަތުލީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި އަދި ކެނޑިޑޭޓަކަށް ވެ ހުންނަވައި، މުޖުތަމައުގެ އާންމު މިންގަނޑާ ހިލާފަށް އާންމުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް، މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާތީއެވެ. މި ފަހުން ޖާބިރު، އަވަގުރާނަ ގޮވައި ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމުވިއެވެ.
ޖާބިރު މިފަހަރު ވާދަކުރައްވަނީ ވެސް އަމިއްލަ ގޮތުން ކާށިދޫ ދާއިރާއަށެވެ.
ނަވާރަ ވަނަ މަޖިލިސް އިންތިހާބަށް އެމްޑީޕީން ބޭއްވި ޕްރައިމަރީގައި ކާށިދޫ ދާއިރާގެ ޓިކެޓު ހޯއްދަވަން އޭނާ ޕްރަައިމަރީގައި ވާދަކުރެއްވި ނަމަވެސް އެ ފަހަރު ނާކާމިޔާބީ އާ ކުރިމަތިވެވަޑައިގަތެވެ. އެކަމަކު، އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވައި ކާށިދޫ ދާއިރާގެ ގޮނޑިއަށް އިންތިހާބުވެވަޑައިގަތެވެ.
އޭރު ގާނޫނު އޮތް ގޮތުން ޕްރައިމަރީއަކުން ބަލިވުމަށް ފަހު އަމިއްލަ ގޮތުން ވެސް ވާދައެއް ނުކުރެވެއެވެ. އެކަމަކު ޖާބިރު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިގެން އެ މައްސަލަ ކާމިޔާބުކުރެއްވިއެވެ. އަދި މިދިޔަ ޖޫން މަހުގެ ތެރޭގައި އަލުން އެމްޑީޕީއާ ގުޅިވަޑައިގަތެވެ.
މަޖިލިހުގެ ކާށިދޫ ދާއިރާ އަށް ވާދަކުރުމަށް އެމްޑީޕީ ޓިކެޓު ގާނޫނީ ވަކީލު އަބްދުﷲ ނަސީރަށް އެ ޕާޓީން މިހާރު ވަނީ ދީފައެވެ.
ނަސީރަކީ މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ހުޅުމާލެ އުތުރު ދާއިރާ އަށް ވާދަކުރައްވައި ބަލިވި ކެންޑިޑޭޓެކެވެ. ނަސީރުގެ މައްޗަށް އެ ދާއިރާގައި ކާމިޔާބު ހޯއްދެވީ އެމްޑީޕީގެ ސަރުކާރުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި މޫސާ އަލިމަނިކު (މޫކޭ) އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!