ކުޅުދުއްފުށީގައި ސިޓީ ކައުންސިލެއް އިންތިހާބު ކުރުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަން (އީސީ) އިން ކުރަން ފަށައިފިކަމަށް އެކޮމިޝަނުން ބުނެފިއެވެ،

އީސީން ބުނީ، ހދ. ކުޅުދުއްފުށްޓަކީ ސީޓީއެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައެޅުއްވުމާ ގުޅިގެން ގާނޫނުގައިވާ ގޮތުގެ މަތިން ކުޅުދުއްފުށީގައި ސިޓީ ކައުންސިލެއް އިންތިހާބު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

Ad
rt

ހދ. ކުޅުދުއްފުށި ސިޓީގެ ދާއިރާތައް ވީހާވެސް އަވަހަކަށް އިއުލާން ކުރާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފައެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން 10،000 އާއި 30،000 އާ ދެމެދުގެ އާބާދީގެ ސިޓީ ކައުންސިލްތަކަށް އިންތިހާބު ކުރާނީ ހަތް ކައުންސިލަރުންނެވެ. ކުޅުދުއްފުށީގެ އާބާދީއަކީ މިހާރު ގާތްގަނޑަކަށް 10،000 އެވެ. ގާނޫނުގައިވާ ގޮތުން ސިޓީގެ ދަރަޖަ ލިބެނީ މަދުވެގެން އެ ކައުންސިލެއްގައި ހިމެނޭ ރަށެއް ނުވަތަ ރަށްތަކެއްގެ އާބާދީގައި 10،000 ހަމަވުމުންނެވެ.

ކުޅުދުއްފުށީގެ ސިޓީ ކައުންސިލަށް އިންތިހާބު ކުރާނީ ހަތް ކައުންސިލަރުންނެވެ. އެއީ މުޅި ސިޓީގެ މީހުން ވޯޓު ލައިގެން އިންތިހާބު ކުރާ ސިޓީގެ މޭޔަރާއި ކަނޑައަޅާ ވަކިވަކި ހަ ދާއިރާއަކުން އިންތިހާބު ކުރާ ހަ ކައުންސިލަރުންނެވެ.

އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގެ ގާނޫނީ ބާރު ލިބިފައިވަނީ އިލެކްޝަންސް ކޮމިޝަނަށެވެ. އެ ކޮމިޝަނުން އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގެ ކުރިން ސިޔާސީ ޕާޓީތަކާއި ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކުރެއެވެ.

ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމަށް ކަނޑައެޅުމާއެކު އަންނަ ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީ ކައުންސިލެއް އިންތިހާބު ކުރާނެ އެވެ. ކައުންސިލް އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.