ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޝަރުތު ހަމަވެ، އެއްވެސް އިތުރު މައްސަލައެއް ނެތް މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީއަށް ފޮނުވައިފިއެވެ.

ހައުސިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކާ ގުޅޭ ގޮތުން އޭސީސީން ކުރި ތަހުގީގަށް ފަހު، ޝަރުތު ހަމަވެ، އިތުރު މައްސަލައެއް ހުރިކަން ފާހަގަނުވާ ފޯމުތަކުގެ ލިސްޓެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލިބިފައިވާ ކަމަށެވެ.

Ad
rt

އެ ލިސްޓުގައި ހިމެނޭ ފޯމުތަކަކީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ވާތީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ އިންތިޒާމުތައް މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ބަޔާނުގައިވެއެވެ.

"ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ދޫކުރާ މި ފްލެޓްތަކަށް ޝަރުތު ހަމަވާ މީހުންގެ ފްލެޓްތައް ވީ އެންމެ އަވަހަކަށް ހަވާލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ މިދިޔަ ހަފުތާގައި ވިދާޅުވެފައެވެ.

ކުރީގެ ސަރުކާރުން 4،000 ފްލެޓު ބަހާލީ ބޭއިންސާފުން ކަމަށް ބުނެ، އެކަމުގެ ޝަކުވާތައް އޭސީސީ އަށް ހުށަހެޅުމުން އެ ކޮމިޝަނުން ވަނީ ބޮޑު ތަހުގީގެއް ހިންގައިފައެވެ. އެ ތަހުގީގަށް ފަހު އެ ކޮމިޝަނުން ބުނި ގޮތުގައި 4،000 ފްލެޓް ލިބޭ ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވެއެވެ. އެއީ ގާތްގަނޑަކަށް 2،400 ފޯމެވެ. ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނޫޅެނީ 20.7 ޕަސެންޓް ފޯމުގައެވެ. އަނެއް 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެކެވެ.