ރިސޯޓު ބޯއީސް އެފްބީ ޕޭޖްއަށް މަޢުލޫމާތު ދޭކަމަށްބުނެ ހދ ހޮނޑާފުށި ރިސޯޓު މުވައްޒަފަކަށް ރިޒައިންލާން އަންގާ ޖެނެރަލް މެނޭޖަރު އިންޒާރު ދީފިއެވެ.
މިއަދު ރިސޯޓު ގެ ޖެނެރަލް މެނޭޖަރުގެ އަރިހަށް ހާޒިރުކޮށް ރިޒަރިންލާން އަންގާފައިވަނީ އެރިސޯޓުގައި މަސައްކަތްކުރާ ހަމަ އެކަނި ސެކިއުރިޓީ އަޙްމަދު ޝިމްހާޒް އަންބަރީގެ ތ. ގުރައިދޫ އަށެވެ.
ތިލަދުންއަށް މަޢުލޫމާތު ދެމުން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާތާ 7 އަހަރުވެފައިވާ ޝިމްހާޒު ބުނީ މިއަދު އެއިނާ ޖީއެމްއާއި އެރަށު އެޗްއާރު ހިންގުމާއި ހަވާލުވެހުރި ބަނގުލަދޭސް މީހާކައިރިއަށް ގެންގޮސް އަމިއްލައަށް ވަޒީފާއިން ވަކިވުމަށް އަންގާފައިވާކަމަށެވެ.
"ޖީއެމް ބުނީ ރިސޯޓު ބޯއީސް އެފްބީ ޕޭޖްއަށް މަޢުލޫމާތު ހިއްސާ ކުރަނިކޮން ނަގާފައިވާ ވީޑިއޯއެއް ރިސޯޓު މެނޭޖްމަންޓުގައި އެބައޮތޭ، ރިސޯޓުގެ ވާހަކަތައް ދެއްކުމަކީ މަނާކަމެކޭ، ވީހާވެސް އަވަހަކަށް ރިޒައިން ލާށޭ، އަޅުގަނޑު ބުނިން ވަޒީފާއިން ކެނޑެންޖެހޭ އަދި ކަނޑާލަން ޖެހޭ ވަރުގެ ކަމެއް ނުކުރަމޭ، ރިޒައިން ލާންޖެހޭ ސަބަބު ބުނެދޭށޭ، ކަނޑާލަން ބޭނުންވަންޔާ 3 މަހުގެ މުސާރަ ދީފަ ކަނޑާލާށޭ، ދެން އެމީހުން ބުނީ މިދިޔަ ނޮވެމްބަރު މަހުގެ ސާވިސް ޗާޖާއި މިހިނގާ މަހުގެ ސާވިސް ޗާޖު ޖަމާކޮށްދޭނަމޭ ސިޓީ ލާށޭ"
ތިލަދުން އަށް މަޢުލޫމާތު ދެމުން ޝިމްހާޒު ބުނެފައިވެއެވެ.
ޝިމްޙާޒް އިތުރަށް ބުނީ މިހާރު ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށްފައިވާ ކަމަށާއި އެރައިވަލް ޑިޕާޗާއަށް އެއިނާ ނުގެންދިއުމަށް ފުރަންޓް އޮފީހަށް އަންގާފައިވާކަމަށާއި އެއިނާއާއި އަދި އިތުރު މުވައްޒަފަކު ކަނޑާލާފައިވާކަމަށް ރިސޯޓުތެރޭ ކިޔާކަމަށެވެ. ޝިމްހާޒު ބުނީ އެއިނާގެ މުސާރައަށް -/4000 ދިވެހި ރުފިޔާ ކަމަށާއި އެކަނިމާ އެކަނި ސެކިއުރިޓީއަކަށް އުޅޭއިރު ރިސްކް އެލަވަންސް ވެސް ނުދޭ ކަމަށާއި ހެނދުނު 7 ކުން ހަވީރު 5 އަކަށް ޑިއުޓީ ކުރަންޖެހޭކަމަށެވެ. އަދި ގެސްޓުން ބަލިވެއްޖެ ނަމަ ގޮވައިގެން ހޮސްޕިޓަލަށް ދާދަތުރު ދާންޖެހޭކަމަށެވެ. ޝިމްހާޒު ބުނިގޮތުގައި އެއިނާ އަކީ ހޮޓެލް ސްކޫލް އިން ކިޔަވައިގެން ހުރި ޒުވާނެކެވެ.
އެއިނާ ބުނީ ހޮނޑާފުށީގެ ޝަކުވާ ބޮޑުވެގެން އެވާހަކަ ދައްކަނީ ހަމަ ދައްކާވަރު ވެގެން ކަމަށާއި އެއިނާވެސް އިތުރު 2 ރިސޯޓެއްގައި ވަޒީފާ އަދާކޮށްފައިވާއިރު މިވަރުގެ ފެންވަރުދަށް ރިސޯޓެއްގައި މަސައްކަތް ނުކުރާ ކަމަށެވެ.
ހދ. އަތޮޅުގައި ތަރައްގީކުރި ފުރަތަމަ ރިސޯޓް، ހޮނޑާފުށި އައިލެންޑް ރިސޯޓްގައި ސާވިސްޗާޖުގެ ގޮތުގައި ނޮވެމްބަރ މަހުގެ ގޮތުގައި ބަހަން ނިންމާފައިވަނީ 11 ޑޮލަރު (169.62 ރުފިޔާ) ކަމަށް އެރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުން ވަނީ ބުނެފައެވެ.
މިހާރު އެރަށުގައި 62 ރޫމުގައި ގެސްޓުންނަށް ޙިދުމަތް ދެމުންދާއިރު މިރަށް ހުޅުވުނީންސުރެ މުވައްޒަފުންގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. އެރިސޯޓުގައި ގާތްގަނޑަކަށް200 މުވައްޒަފުން އުޅޭއިރު ދިވެހިންގެ އަދަދަކީ 20 ކަމަށް އެރަށުގައި މަސައްކަތް ކުރާ މުވައްޒަފުން ބުނެފައިވެއެވެ.
ވޭތުވެ ދިޔަ ހަތަރު މަހު ހޮނޑާފުށި އައިލެންޑް ރިސޯޓުން ދީފައިވާ ސާވިސްޗާޖަކީ ރާއްޖޭގެ ރިސޯޓެއްގައި ދީފައިވާ އެންމެ ކުޑަ އަދަދު ކަމުގައި ވެދާނެއެވެ. އެވެބްސައިޓްގައި ވާގޮތުން ޖުލައިމަހު އެރިސޯޓުން ދީފައިވާ އަދަދަކީ 8 ޑޮލަރު 123.36 ރުފިޔާ އެވެ. ޖޫންމަހު ދީފައިވާ އަދަދަކީ 5 ޑޮލަރު 77.10 ރުފިޔާއެވެ. އޮގަސްޓްމަހު 21 ޑޮލަރެވެ. ސެޕްޓެމްބަރ މަހު 40 ޑޮލަރު އަދި އޮކްޓޫބަރ މަހު 63 ޑޮލަރެވެ.
ހޮނޑާފުށި ރިސޯޓް ހުޅުވީ 2018 ވަނަ އަހަރު މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ. ހުޅުވިއިރު އެތަނުގައި 160 އެނދުގެ 80 ކޮޓަރި ހުރެއެވެ. އެކި އަހަރުތަކަށް ބަހާލައިގެން ކޮންމެ އަހަރަކު 100 ކޮޓަރި ހުޅުވުމަށް ހަމަޖެހިފައިވާއިރު، މަސައްކަތް އެއްކޮށް ނިމުމުން 400 ކޮޓަރި އެ ރިސޯޓްގައި ހުންނާނެއެވެ.
ހަނިމާދޫގެ އުތުރުން ހަތް ކިލޯމީޓަރު ދުރުގައި އޮންނަ ހޮނޑާފުށި ރިސޯޓަކީ ތްރީ އޭ ކުންފުނިން ރާއްޖޭގައި ހުޅުވި ފަސްވަނަ ރިސޯޓެވެ. އަދި ހދ. އަތޮޅުގެ ފުރަތަމަ ރިސޯޓްވެސްމެއެވެ.
ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދާފައިވާ މި ރިސޯޓަކީ ހަތަރު ތަރީގެ ރިސޯޓެކެވެ. ނަމަވެސް އެތަނުން ފަސް ތަރީގެ ޚިދުމަތް ލިބޭނެ ކަމަށް ތްރީއޭ ކުންފުނިން އެރިސޯޓު ހުޅުވިއިރު މީޑިޔާތަކަށް މަޢުލޫމާތު ދެއްވަމުން ބުނެފައިވެ އެވެ. ހޮނޑާފުށި ހުޅުވާފައިވަނީ އެރަށް ތްރީއޭ އަށް ލިބުނުތާ 12 ވަރަކަށް އަހަރު ފަހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!