ޒިކުރާ މިސްކިތް އަލުން ބިނާކުރުމަށް، އެސްޖޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މިއަދު ހަވާލުކޮށްފި އެވެ.

އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން މި މަސައްކަތް އެސްޖޭއާ ހަވާލުކޮށްފައި ވަނީ އެ ކުންފުނީގެ ޚަރަދުގައި އެ މިސްކިތް އަލުން ތިން ބުރިއަށް ބިނާ ކުރުމަށެވެ.

Ad
rt

މިކަމަށް މިއަދު ބޭއްވި ރަސްމިއޔާތުގައި މިކަމުގެ އެއްބަސްވުމުގައި އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކޮށްފައިވަނީ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އެސްޖޭގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހިމެވެ.

އެސްޖޭ އަކީ ކުރިން އެ މިސްކިތް އަލުން އަޅަން ހަވާލުކުރި ކުންފުންޏެވެ. އެ ކުންފުންޏަށް 10 ބުރީގެ އޮފީސް އިމާރާތަކާ އެކު މިސްކިތެއް އަޅަން އޭރު ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.

އެމަސައްކަތް ކުރުމަށް އޭރު ހުރި މިސްކިތް ވެސް ތަޅާލި ފަހުން ނިމިދިޔަ ސަރުކާރުން އެ އެއްބަސްވުން ބާތިލްކުރީއެވެ. އެހެންވެ ގެއްލުމުގެ ބަދަލު ހޯދުމަށާއި، މިސްކިތް އަޅަން އިކުއިޒިޝަންގެ ގޮތުގައި އެސްޖޭއަށް އޭރު ދިން 30 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ކޯޓަށް ވެސް ދިޔައެވެ.

އަމިއްލަ ފަރާތްތަކެއްގެ އެހީގައި ހުޅުމާލޭގައި ދެ މިސްކިތް އަދި މާލޭގައި މިސްކިތެއް އެޅުމަށް ފުރުސަތު ލިބިފައިވާ ކަމަށް އިސްލާމީކަންތައްތަކާބެހޭ ވަޒީރު ޝަހީމް ވަނީ މި މަހު 17 ވަނަ ދުވަހު ވިދާޅުވެފައެވެ.

އަމިއްލަ ފަރާތްތަކުގެ އެހީގައި އަޅާ މިފަދަ ބައެއް މިސްކިތްތައް މަރާމާތުކުރުމާއި، ފޮޅާ ސާފުކުރުމާއި މުވައްޒަފުންގެ ޚަރަދުތައް ވެސް ބައެއް ފަރާތްތަކުން އަންނަނީ އަމިއްލަ ހަމަޖައްސައިދެމުންނެވެ.