މެޑިކަލް އެމަޖެންސީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށާއި އުމުރުން ދުވަސްވީ 65 އަހަރުން މަތީގެ ފަރާތްތަކަށް ޕާސްޕޯޓު ހެއްދުމުގައި ލުއި ގޮތްތަކެއް ހަދައިދީފިއެވެ.

މިދިޔަ މަހު 'ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ' އިން ބޭއްވި ޖޮއިންޓު ޕްރެސް ކޮންފަރެންސްގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު ވަނީ އުމުރުން ދުވަސްވީ ފަރާތްތަކަށާއި އެހެނިހެން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް ދަތިވާ ހާލަތްތަކުގައި، ޕާސްޕޯޓަށް އެދެވޭނެ އެހެން މަގެއް ފަހިކޮށްދޭނެކަމަށް ވިދާޅުވެފައެވެ.

Ad
rt

އެގޮތުން މިއަދުން ފެށިގެން މެޑިކަލް އިމަޖެންސީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށާއި އުމުރުން ދުވަސްވީ 65 އަހަރުން މަތީގެ ފަރާތްތަކަށް، އެފަރާތްތަކުން ބޭނުންނަމަ އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅުގެ ދަށުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ފުރިހަމަ އިސްކަމެއްދީ، މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ފުރުމަށް ޕާސްޕޯޓު ހެއްދުމަށް އަންނަ ފަރާތްތަކަށް ވަގުތުން ވަގުތަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ގެނައި ބަދަލުތަކެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މި ގެނައި ބަދަލާއެކު މެޑިކަލް އިމަޖެންސީގައި ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް ކޮންމެ ވަގުތަކު، ވަގުތުން ވަގުތަށް އެ ޚިދުމަތް މިހާރު ލިބިގެންދާނެއެވެ. އެގޮތުން، އެ ފަރާތްތައް ޕާސްޕޯޓު ހެއްދުމަށް އިމިގްރޭޝަނަށް ހާޒިރުވުމުން، އިމިގްރޭޝަންގެ އެހީތެރިކަމާއެކު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށާއި ޕާސްޕޯޓަށް ބޭނުންވާ ފޮޓޯ ނެގުމުގެ އިންތިޒާމު ވެސް އިމިގްރޭޝަނުން ފޯރުކޮށްދެވޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

މީގެ އިތުރުން އުމުރުން 65 އަހަރުން މަތީ ފަރާތްތަކަށް ވެސް ހެނދުނު 8:30 އިން ހަވީރު 5:00 އަށް މި ޚިދުމަތް ލިބިގެންދާނެ ކަމަށް ބުންޏެވެ.