ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ގަދަ ސޯޅައިގެ ބުރުގައި އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުން މޮޅުވެ މުބާރާތުގެ ކުއާޓާ ފައިނަލުން އެތުލެޓިކޯ ޖާގަ ހޯދައިފިއެވެ.

ރޭ އެތުލެޓިކޯގެ ދަނޑުގައި ކުޅުނު ވާދަވެރި ފޯރިގަދަ މެޗު ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރު ވެފައެވެ. ނަތީޖާ ނެރުމަށް ކުޅުނު ދެ ހާފުގައި އެތުލެޓިކޯއިން ވަނީ ދެ ލަނޑު ޖަހައި 4-2 ގެ ނަތީޖާއިން މެޗު ކާމިޔާބު ކޮށްފައެވެ.

Ad
rt

މިދިޔަ ހަފްތާތެރޭ ސައުދީގައި ކުޅުނު ސްޕެނިޝް ސްޕަކަޕް ސެމީ ފައިނަލުގައި މި ދެ ޓީމް ބައްދަލުކުރި މެޗު ކާމިޔާބުކުރީ ރެއާލުންނެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 3-3 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ރެއާލުން މޮޅުވީ އިތުރު ވަގުތުގެ ދެ ހާފުގައި ޖެހި ދެ ލަނޑުން 5-3 ގެ ނަތީޖާއިންނެވެ. އެ މުބާރާތުގެ ފައިނަލުގައި ބާސާ ބަލިކޮށް ތަށި ހޯދީވެސް ރެއާލެވެ.

ރޭ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އެތުލެޓިކޯއިންނެވެ. މި ލަނޑު 39 ވަނަ މިނެޓުގައި ލިނޯ ޖަހައިދިންއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުތެރޭ ރެއާލުން ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ. މި ލަނޑަކީ އެތުލެޓިކޯގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން މޮޑްރިޗް ކުޅުނު ބޯޅަ ދިފާއުކުރަން އެތުލެޓިކޯގެ ކީޕަރ އޮބްލެކް މަސައްކަތް ކުރިވަގުތު އޭނާ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

މެޗުގެ 57 ވަނަ މިނެޓުގައި އެތުލެޓިކޯއިން ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. މި ލަނޑު ޖަހައިދިނީ މޮރާޓާއެވެ. ރެއާލުން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކުރީ 82 ވަނަ މިނެޓުގައެވެ. މި ލަނޑު ހޮސެލޫ ޖަހައިދީފައި ވަނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ބެލިންހަމްގެ އެހީތެރިކަމާއި އެކުގައެވެ.

ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އެއްވަރު ވެފައި އޮތުމުން އިތުރު ވަގުތުގެ ދެހާފް ކުޅެން ޖެހުނެވެ. މިގޮތުން އެތުލެޓިކޯގެ ތިންވަނަ ލަނޑު 100 ވަނަ މިނެޓުގައި ޖަހައިދިނީ ގްރިޒްމަންއެވެ. ހަތަރުވަނަ ލަނޑު 119 ވަނަ މިނެޓުގައި ޖެހީ ރިކުއެލްމޭއެވެ.

އެތުލެޓިކޯގެ އިތުރުން ކޮޕް ޑެލް ރޭ ގެ ކްއާޓާއިން ޖާގަ ހޯދީ ބާސެލޯނާ، ރެއާލް ސޮސިއެޑާޑް، ސެލްޓަ ވީގޯ، ޖިރޯނާ، ސެވިއްޔާ، އެތުލެޓިކް ބިލްބާއޯ އަދި މަޔޯކާއެވެ.