ސްޕެނިޝް ސްޕަ ކަޕް ފައިނަލުގައި ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ރެއާލަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކްރިސްޓިއާނޯ ރޮނާލްޑޯ މިހާރު ކުޅެމުން އަންނަ ސައުދީގެ އަލް ނަސްރުގެ ދަނޑުގި ރޭ ކުޅުން ފައިނަލް މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.

Ad
rt

މިއީ ރެއާލުން ސްޕެނިޝް ސްޕަކަޕް ކާމިޔާބުކުރި 13 ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ގިނައިން ކާމިޔާބު ކޮށްފައި ވަނީ ބާސާއިންނެވެ. އެ ޓީމުން ވަނީ 14 ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ.

ރޭ މެޗުގައި ރެއާލުގައި ތަފާތު ދެއްކީ އެ ޓީމްގެ ބްރެޒިލް ފޯވާޑް ސިނީޝިއުސް ޖޫނިއާއެވެ. އޭނާ ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. މެޗު ފަށައިގެން ބާސާއިން ގިނަވަގުތު ބޯޅަ ހިފެހެއްޓި ނަމަވެސް ކައުންޓަ އެޓޭކްގައި ރެއާލް ފެނުނީ ވަރަށް ނުރައްކާކޮށެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ހަތްވަނަ މިނެޓުގައި ބެލިންހަމްގެ ޕާހަކުން ތަނަވަސްވީ ފުރުޞަތުގައި ވިނީ ވަނީ ބާސާގެ ކީޕަރު ނައްޓާލުމަށް ފަހު ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައެވެ. މި ލަނޑަށް ފަހު އޭނާ ވަނީ ރޮނާލްޑޯގެ ލަނޑު ޖަހާފައި އުފާފާޅުކުރާ ގޮތަށް އުފާފާޅު ކޮށްފައެވެ.

އޭގެ ތިން މިނެޓްފަހުން ކައުންޓަ އެޓޭކްގައި ރޮޑްރިގޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ވިނީ ދެވަނަ ލަނޑު ޖަހައިދީފައެވެ. ދެ ލަނޑުގެ ލީޑެ ރެއާލުން ނެގުމާއިއެކު ބާސާއިން ވަނީ ޓީމް އިތުރަށް ކުރިއަށް ޖައްސައި ލަނޑުޖަހަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. މިގޮތުން ބާސާއިން ޖެހި ހަމައެކަނި ލަނޑު 33 ވަނަ މިނެޓުގައި ޖަހައިދިނީ ލެވަންޑޯސްކީއެވެ.

މެޗުގެ 39 ވަނަ މިނެޓުގައި ބާސާގެ އޭރިއާ ތެރެއިން އެ ޓީމްގެ ޑިފެންޑަރ އަރައުހޯ ރެއާލްގެ ވިނީއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ވިނީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިއީ އެލް ކްލެސިކޯ މެޗެއްގައި އޭނާ ހެޓްރިކް ހެދި ފުރަތަމަ ފަހަރެވެ. ރެއާލަށް ހެދި ދެވަނަ ހެޓްރިކެވެ.

ރެއާލުގެ ހަތަރުވަނަ ލަނޑު 64 ވަނަ މިނެޓުގައި ޖަހައިދިނީ ރޮޑްރިގޯއެވެ. ވިނީ ބާސާގެ އޭރިއާ ތެރެއަށް ތިރިން ހުރަސްކުރި ބޯޅަ ބާސާގެ ޑިފެންޑަރ ކޫންޑޭ ފައިގައި ޖެހިފައި ނުކުތް ވަގުތު ރޮޑްރިގޯ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

މެޗުގެ 70 ވަނަ މިނެޓުގައި ވިނީއަށް ކުރި ފައުލަކާއި ގުޅިގެން ބާސާގެ އަރައުހޯއަށް ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ރަތް ކާޑު ދައްކާފައެވެ. ވުމާއިއެކު ބާސާއިން މެޗުގެ ފަހު 20 މިނެޓް ފުރިހަމަ ކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.