ރާއްޖޭގައި އަލަށް ތަޢާރުފްކުރާ އެއާ އެމްބިއުލާންސްގެ ޚިދުމަތް އަންނަ މާރިޗް މަހުގެ 1 ގައި ފެށޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، 17 ނޮވެމްބަރު 2023ގައި ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ކުރެއްވި ފުރައްމާނަ ދަތުރުފުޅުގައި ޗައިނާ އަށް ވަޑައިގަތުމަށްފަހު އިއްޔެ މާލެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ޗައިނާގެ ރައީސް ޝީ ޖިންގްޕިންގެ ދަޢުވަތަަކަށް މިމަހުގެ 7 އިން 13 އަށް އެ ޤައުމަށް ކުރެއްވި މި ދަތުރުފުޅާއިގުޅޭ މައުލޫމާތު ދެއްވަމުން ދެއްކެވިވާހަކަފުޅުގައި ރައީސް ވިދާޅުވީ، ބަލިމީހުން އުފުލަން އެއާ އެމްބިއުލާންސް އަންނަ މާރިޗުމަހުގެ ފުރަތަމަ ދުވަހު ދަތުރުތައް ފަށާނެ ކަމަށެވެ. އަދި އެކަމުގެ ތައްޔާރީތައް މިހާރު ކުރިއަށްދާކަމަށް ވިދާޅުވިއެވެ.
''ބަލިމީހުން އުފުލަން އެއާ އެމްބިއުލާންސް، 1 މާރިޗުގައި އިރާދަކުރެއްވިއްޔާ އުދުހެން ފަށާނެ. ހެލިކޮޕްޓަރެއް ނޫން، ޑޯނިއާއެއް ނޫން، ޑޭޝް 8ގެ އަޅުގަނޑުމެންގެ އޮތް މަތިންދާބޯޓު މިހާރު ބަދަލުކުރުމުގެ މަސައްކަތް އެވަނީ ފެށިފައި.'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެއާ އެމްބިއުލާންސްގެ ދަތުރުތައް ފަށާނީ ބަލިމީހާ ތައިލެންޑާ ހަމައަށް އުފުލަން ޖެހުނަސް އެކަން ކުރެވޭގޮތައް އެ ޚިދުމަތް ތަރައްޤީކޮށްގެން ކަމަށެވެ.
''އެއިން އެތައް ފައިދާއެއް އެބަވޭ. އެންމެ އުތުރުން، ނޫނީ އެންމެ ދެކުނުން މާލެއަށް ކުޑައިރުކޮޅަކުން އާދެވުމުގެ އިތުރަށް، ކުއްލިއަކަށް ރާއްޖެއިން ބޭރަށް ތައިލެންޑާ ހަމަޔަށް ގެންދަންވިޔަސް، އެ ޑޭޝް 8 ގައި ދާނެ. އެއާ އެމްބިއުލެންސްގައި ދާނީ. އެހެންވީމާ، އެ ފެންވަރަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އެއާ އެމްބިއުލާންސްގެ ޚިދުމަތްވެސް ތަރައްޤީވަމުން އެ އަންނަނީ.'' ރައީސް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!