މޯލްޑިވިއަނުން ގަސްތުގައި އެއްވެސް ފުލައިޓެއް ޑިލޭ ނުކުރާނެ ކަމަށް އައިލޭންޑް އޭވިއޭސަން ސާރވިސަސްގެ ޕީއާރު މެނޭޖަރު މޫސާ ވަސީމު ވިދާޅު ވެއްޖެއެވެ.
އައިސް ޓީވީގެ ކުރީގެ ސީއީއޯ، އަދި ޓީވީއެމްގައި 13 އަހަރު ޚިދުމަތް ކުރެއްވި މަޝްހޫރު ޕްރެޒެންޓަރު، އަދި މިއަހަރު ޖެނުއަރީމަހު އައިއޭއެސްގެ ޕީއާރު އެންޑް ކޮމިނިސުކޭޝަން މެނޭޖަރުގެ މަޤާމާއި ހަވާލުވެލެއްވި މޫސަ އެހެން ވިދާޅުވީ "ފުލައިޓްތައް ޑިލޭވަނީ އެންމެ ރަންވޭއެއް ބޭނުން ކުރަން ޖެހުމުގެ ސަބަބުން: އެމްއޭސީއެލް" މިސުރުޚީގެ ދަށުން ރާއްޖެ.އެމްވީގައި ގެނެސްދީފައިވާ ޚަބަރެއް ޓުވީޓިމު ކުރައްވަމުންނެވެ.
އެޚަބަރުގައި އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފާއި ހަވާލާދީ ލިޔެފައިވަނީ "މިދުވަސްކޮޅަކީ ވަރަށް ބާރުބޮޑު ސީޒަނެއް ކަމަށާއި ވަރަށް ގިނަ ފަރާތްތަކުން ޗުއްޓީއާ ދިމާކޮށް އެކި މަންޒިލްތަކަށް ދަތުރުކުރަމުން ދާކަމަށެވެ. އަދި މި ދުވަސްކޮޅު ދުވާލެއްގެ މައްޗަށް ރަންވޭއަށް ޖުމްލަ 55 ފްލައިޓް ޖައްސާކަމަށެވެ."
އަދި "މި ބާރު ބޮޑު ސީޒަން ނިނުމުން ފްލައިޓުތައް ޑިލޭވާ މައްސަލައަށް ވަގުތީ ހައްލެއް ލިބިގެންދާނެކަމަށާއި، ދާއިމީ ހައްލެއް ލިބިގެންދާނީ އައު ރަންވޭ ހުޅުވިގެންދިޔުމާއެކު ކަމަށެވެ."
މޫސާ މިމޭރުމުން ޓުވީޓު ކުރެއްވި އިރު، ދޭތެރެ ދޭތެރެއިން ރަންވޭ މަރާމާތަށް ބަންދުކުރަމުން ދިއުމާއި، ރާއްޖޭގެ ސްކޫލް ޗުއްޓީއާއި ދިމާވުމާއި، އަދި ކްރިސްމަސްއަށާއި، އައު އަހަރަށް ރާއްޖޭން ބޭރުން އަންނަ ފަތުރުވެރިން އިންތިހާއަށް އިތުރުވެފައިވާތީ، ރަންވޭ ބިޒީވުމުގެ ސަބަބުން މޯލްޑިވިއަންގެ ފްލައިޓް ތަކަށްވެސްވަނީ ޑިލޭވުމުގެ މައްސަލަތައް ކުރިމަތި ވެފައެވެ.
ޤައުމީ އެއަރލައިން މޯލްޑިވިއަން އަންނަނީ ތައިލެންޑްގެ ބެންކޮކްގެ އިތުރުން ޗައިނާގެ ބައެއް ސިޓީތަކަށާއި، އިންޑިއާގެ ތިރިވަރަމްދަމް ޕޫރަމް، ކޮޗިން، ޗެއްނާއި އަދި ބަނގުލަދޭޝްގެ ޑާކާއަށް ދަތުރު ކުރަމުންނެވެ.
މީގެ އިތުރުން މާމިނގިލި ފިޔަވައި ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ވެސް މޯލްޑިވިއަން އިން ދަތުރުތައް ބާއްވައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2019ގެ، ލީޑިންގް ލޯކަލް ކެރިއާގެ އެވޯޑް މިއަހަރު ކާމިޔާބުކޮށްފައިވަނީ މޯލްޑިވިއަންއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!