ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ކަމުގެ މަގާމަށް ޢަބްދުﷲ ޔާމީން އައްޔަންކޮށްފިއެވެ.

ކުރިން ރާއްޖެ ޓީވީއާއި، ސަންގު ޓީވީގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި، ފަހުން ދިވެހި ޗެނަލް އުފައްދަވައި ހިންގެވުމުގައި އުޅުއްވި ޔާމީން އެމަގާމަށް ޢައްޔަނުކޮށްފައިވާކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީބީސީ) އިން ވަނީ ބުނެފައެވެ.

Ad
rt

ޔާމީނަކީ 18 ވަނަ މަޖިލީހުގައި ވެލިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ލީގުގެ ރައީސް ކަމުގައި ހުންނެވުމަށްފަހު، ރިޔާސީ އިންތިޚާބުގެ ފަހު ބުރުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒަށް ތާއީދުކުރައްވައި ޔާމީން ވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޕީޕީއެމަށް އަލުން ސޮއިކުރައްވާފައެވެ.

ޝަރުޢީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ޔާމީނަކީ މީޑިއާގެ ދާއިރާގެ ތަޖުރިބާ ލިބިފައިހުންނެވި، ޓީވީ ޗެނަލްތައް ހިންގުމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ ޒީނާ ޒާހިރެވެ.