އަންނަ އަހަރުން ފެށިގެން ސްކޫލް ކުދިންގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް ހެދުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ ކޮވިޑް-19 ގެ ކުރިން އޮތް ގޮތަށް ސްކޫލްތަކުގެ ކިޔެވުން ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ކެބިނެޓަށް ކަރުދާހެއް ހުށަހަޅައި ވަޒީރުންގެ މަޖިލިހުގެ މެމްބަރުންގެ މެދުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ހުށަހެޅުމަކަށްވީ 2026 ގެ ޖެނުއަރީގައި ދިރާސީ އާހަރު ފަށަން ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ނިންމުމުގައި 2025 ވަނަ އަހަރުގައި ބޮޑު ޗުއްޓީ ލިބޭނެ. އެއީ، އެންމެ ކުރިން އަޅުގަނޑުމެން ސްކޫލްގައި އުޅުނު އިރު ކަން ހިނގައިދިޔަ ގޮތަށް. އަދި ހަމައެކު 2026 ވަނަަ އަހަރުގެ އެކަޑަމިކް ކަލެންޑާ ފެށިގެން ދާނީ ޖެނުއަރީ މަހުން ފެށިގެން.ހަމަ އާންމުކޮށް އަޅުގަނޑުމެން މީގެ ކުރިން އަމަލު ކުރަމުން އައި އުސޫލަށް،" ނާޒިމް ވިދާޅުވިއެވެ.
މިއާއެކުގައި އަންނަ އަހަރު ޖުލައި މަހުގައި ތިން ހަފްތާގެ ޗުއްޓީއަކާއި ޑިސެމްބަރު މަހު ހަތަރު ހަފްތާގެ ޗުއްޓީއެއް ލިބޭނެއެވެ.
"މިކަން ކުރެވިފައި ވަނީ ކަމާ ގުޅޭ ފަރާތްތަކާ ވަރަށް ތަފްސީލުކޮށް މަޝްވަރާ ކުރައްވައިގެން." ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، މިކަން ކުރުމަށް ރޭވިފައިވަނީ ކުއްލި އަކަށް އެ ބަދަލު ގެނައުމުގެ ބަދަލުގައި ތައުލީމީ ކަލެންޑަރަށް މަދު މަދުން ގެނެވޭ އިސްލާހުތަކަކާއެކު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މިއަށް ހައްލެއް ލިބޭގޮތަށް ކަމަށެވެ. އަދި އެއީ ދަރިވަރުންގެ ކިޔެވުމަށް މިކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިނުވާނެ ގޮތެއްގެ މަތިން ކަމަށް އޭނާ ވިދާޅުވިއެވެ.
ބޮޑު ޗުއްޓީ ކުރިން އޮތް ގޮތަށް ޑިސެމްބަރު މަހަށް ބަދަލު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެޑިއުކޭޝަން މިނިސްޓްރީން 2019 ގައި ވަނީ ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންނާއި ޓީޗަރުންނަށް ސްކޫލްތައް ބަންދުކޮށް ދަރިވަރުންނާއި ޓީޗަރުންނަށް ބޮޑު ޗުއްޓީ ލިބޭ ދުވަސް ވަރު ޖޫން މަހާއި ޖުލައި މަހަށް ބަދަލުކޮށްފައެވެ. އެ ބަދަލާ ގުޅިގެން ބެލެނިވެރިންގެ ކަންބޮޑުވުން ވެސް އޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!