ކުރީގެ އަދަދާއިގުޅޭ،

" އޯހް! ފެންފުޅި ހުސްވެފައި.... "

Ad
rt

އެނދުކައިރީގައި ހުރި ފުޅި ނެގުމަށްފަހު ފުޅިން ބޮލުގައި ޖަހާލަމުން ޖުމާއަށް ބުނެލެވުނެވެ. ކަންނެތް ގޮަތަކަށް އެނދުން ތެދުވެ އޭނާ އަވަސް އަވަހަށް ކޮޓަރިން ނިކުތީ ފެންފުޅިއެއް ބަލައި ދާށެވެ. ވަގުތަކީ މާހިލަށްވެސް އޭނާގެ ކޮޓަރިން ނިކުމެވުނު ވަގުތެވެ. އެއާއެކު ދެމީހުންގެ ހަތަރުކަޅި ސީދާވެ، އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނެވެ.

އިރުކޮޅަކު އެހެން ހުރުމަށްފަހު ޖުމާ އިސްޖަހާލަމުން ކާގެއާ ދިމާއަށް ހިނގައިގަތެވެ. އެއާއެކު ހުޅުވާފައި ހުރި ގޭގެ ބޮޑުދޮރާ ދިމާލަށް ބަލައިލުމަށްފަހު މީހަކު ފެންނަން ނެތުމުން މާހިލްވެސް ޖުމާގެ ފަހަތުން ކާގެއަށް ދާން ހިނގައިގަތެވެ. އައިސްއަލަމާރި ލައްޕާލުމަށްފަހު ޖުމާ އެނބުރިލި ވަގުތު، ދެޖީބަށް އަތް ޖަހާލައިގެން ދާދި ގާތުގައި ހުރި މާހިލް ފެނުމުން ޖުމާ ދިޔައީ ސިހިގެންނެވެ. އެއާއެކު އޭނާ އަވަސް އަވަހަށް އެއްފަރާތަކަށް ޖެހިލިއެވެ. މާހިލް އަނެއްކާވެސް ޖުމާގެ ކުރިމައްޗަށް އެރީ ލާނެތް ހިނިތުންވުމެއްގައި ހުރެއެވެ.

" މާހިލް؟ އަހަރެން ދާން ވެއްޖެޔޭ! "

ސިއްރުސިއްރުން ޖުމާ ބުނެލީ ހާސްކަމާއެކުގައެވެ.

" ދެން ދޭބަލަ! އަހަރެން ނުބުނަމެއްނު މަޑުކުރާކަށް! "

ޖުމާގެ ރާގާ ޚިލާފަށް މާހިލް ހުރީ ސަމާސާ ކުރާ މޫޑެއްގައެވެ. ނަމަވެސް އޭރުވެސް ޖުމާ ހުރީ މާހިލާހެދި، ކުރިއަށް ނުދެވިފައެވެ. އެންމެ ފަހުން މާހިލްގެ މޭގައި އެއް އަތް ޖައްސާލުމަށްފަހު ޖުމާ ބާރުބާރަށް އޭނާ ދުރަށް ކޮއްޕާލިއެވެ. އެއަށްފަހު ފަހަތް ބެލުމެއްނެތި އަވަސް ފިޔަވަޅުތަކެއްގައި ކާގެއިން ނިކުމެގެން ގޮސް ކޮޓަރިއަށް ވަނެވެ. އެމަންޒަރު ބަލަން ހުރި މާހިލްގެ މޫނުމަތީގައިވަނީ ހިނިތުންވުމުގެ އަސަރުތަކެވެ. ހަމަ އެވަގުތެވެ. ޖީބުގައި އޮތް ފޯން ރިންގްވާން ފެށިއެވެ.

" މިވެސް ދެން ކިހާ ބޮޑު އުނދަގުލެއްތަ؟ "

ފޯނު ސްކްރީނުން ރީނާގެ ނަން ފެނުމާއެކު މާހިލްގެ މޫނުމަތީގައިވާ އުފާވެރިކަން ގެއްލި، ފޫހިކަން ވެރިވެއްޖެއެވެ. ނަމަވެސް ދެވަނަ ފަހަރަށް ރީނާ ގުޅަން ފެށުމުން ކޮޓަރިއަށް ވަދެ ފޯނު ނެގިއެވެ.

" އަހަރެން ނުގުޅަންޏާ މާހިލް އަހަރެން މަތިން ހަނދާންވެސް ނުވޭދޯ"

ރީނާގެ ޝަކުވާތައް އަޑުއަހަން ފޫހިވެފައި ހުރި މާހިލަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. ހަޤީޤަތުގައި ރީނާގެ އަޑުއިވުމާއެކު އޭނާގެ ހިތްވެސް ނުތަނަވަސް ވެއެވެ. އެހެންކަމުން ގިނަ ފަހަރަަށް އޭނާ ހުންނަނީ ވާހަކަ ދައްކާހިތް ނުވެފައެވެ.

" އެހެންނެއް ނޫން ދެން.. "

މާހިލް ދިނީ ކުރު ޖަވާބެކެވެ.

" މާހިލް ގާތު ބޭބެވެސް ބުންޏެއްނު މިގެއަށް އަންނާށޭ މީޓް ކުރަން! އެކަމަކު މާހިލް ނާދެ.. ދެން އެހެންވިއްޔާ އަހަރެން ތިގެއަށް ގެންދަންވީނު!"

ރީނާ އެހެން ބުނުމުން މާހިލަށް ތެޅިގަނެވުނެވެ. އެއީ އެއްގޮތަކަށްވެސް އޭނާ ބޭނުންވާ ގޮތެއް ނޫނެވެ.

" އަހަރެން ބުނީމެއްނު އާއިލާ މީހުންނަށް އަހަރެމެންގެ ގުޅުން އަންގާކަށް އަދި އަހަރެން ބޭނުމެއް ނުވެޔޭ! "

" އެއީ ކީއްވެތަ މާހިލް؟ މި ގުޅުމާމެދު މާހިލް ސީރިއަސް ނުވަނީތަ؟ "

މާހިލް ދިން ޖަވާބާ ގުޅުވައިގެން ރީނާ އަނެއްކާވެސް ސުވާލު އުފެއްދިއެވެ. ޖަވާބުދޭން އުނދަގޫ ވެފައިވާ ޙާލު މާހިލަށް ދެލޯ މަރާލެވުނެވެ.

" ސީރިއަސްވީމަތާ މި އުޅެނީ! މަންމަމެން މިހާރުވެސް އަހަރެން ވަޒީފާއަކަށް ނުގޮސްގެން އުޅެނީ! ދެން އަދި ކައިވެންޏެއްގެ ވާހަކަ ދައްކަން މާ އަވަސް.. ވަޒީފާއަކަށް ދާން އަދި އަހަރެން ޚިޔާލެއް ނުކުރަން.. މީހަކާ އިންނަން ބޭނުންވަނީ އެހުރިހާ ކަމެއް ފުރިހަމަވެގެން.. ދެން ހަމަ ކުއްލިއަކަށް ރީނާގެ ވާހަކަ ދެއްކީމަ މަންމަމެން ހިތްހަމަވެސް ނުޖެހިދާނެ.. ނުޤަބޫލުވެސް ވެދާނެ.. އެހާ އަވަސް އަރުވާލައިގެން ކީއްކުރަން އުޅެނީ؟"

ރީނާގެ ސުވާލުތަކުން ސަލާމަތްވާން މާހިލް ބަހަނާ ދައްކަން ފެށިއެވެ. އިސާހިތަކު ރީނާ އެ ހުރިހާ ވާހަކަތަކެއް ޤަބޫލުވެސް ކޮށްފިއެވެ.

" އަހަންނަށް އެއްވެސް މައްސަލައެއް ނޫން މާހިލް ވަޒީފާއަކަށް ނުދިޔަސް! އެކަމަކު މަންމަމެން ހިތްހަމަ ޖެހޭގޮތެއް ހަދަންވެސް ޖެހޭނެއެއްނު.. ދެން އަޅެ އަހަންނަށް ފެނިލަންވެސް ޖެހޭނެއެއްނު.. އާދެބަލަ!"

ރީނާ ހަމަޖެހިލަމުން ބުނެލިއެވެ.

" އަޅެ ދެންމެދޯ އަހަރެން މިބުނީ މަންމަމެންނަށް އެނގިދާނެޔޭ! އެހެންވެ ތަންކޮޅެއް ސިއްރުން އުޅެން ޖެހޭނީ.! "

މާހިލް ފިނި ރާގަކަށް ވާހަކަ ދެއްކީ ރީނާ ހިތްހަމަ ޖައްސާލުމަށްޓަކައެވެ. ރީނާއާ އޭނާގެ ގުޅުމަށް ދުވަހެއް އިތުރުވާ ވަރަކަށް މާހިލްގެ ހިތް ރީނާއާ ދަނީ ދުރަށެވެ. މާހިލްގެ ހިތް ލަންބުވާލަން ރީނާ ކޮންމެ ފަދަ ކަމެއް ކުރިޔަސް މާހިލްގެ ޝައުޤުވެރިކަމެއް އޭނާއަކަށް ދަމައެއް ނުގަނެވުނެވެ. ހިތްނޭދުނަސް މާހިލް ރީނާއަށް ހިނިތުންވުން ރައްދު ކުރަނީ މަޖުބޫރު ވެގެންނެވެ. ރީނާއަށް ދުރުވާން ދައްކާނެ ބަހަނާއެއްވެސް އޭނާއަކަށް ނޭނގުނެވެ.

ފޯނު ބޭއްވުމަށްފަހު އަނެއްކާވެސް މާހިލް ނިކުމެލީ ބޭރަށެވެ. އޭރުވެސް ގޭގައި ޖުމާ ފިޔަވާ އިތުރު މީހަކު ނޫޅެއެވެ. އެހެންކަމުން ލިބުނު ފުރުޞަތުގެ ބޭނުން ކުރަން އޭނާ އިންތިހާއަށް ބޭނުންވެއެވެ. ހާސްހިތަކައިގެން އަވަސް ފިޔަވަޅުތަކެއްގައި ގޮސް ޖުމާގެ ކޮޓަރީގެ ދޮރުގައި މާހިލް ޓަކި ޖަހާލީ މަޑުމަޑުންނެވެ. އެތެރޭން އެއްވެސް ޚަބަރެއް ނުވުމުން ބޭރު ދޮރާ ދިމާލަށް ބަލަހައްޓައިގެން ހުރެ އަނެއްކާވެސް މާހިލް ގޮވާލިއެވެ. ތަންކޮޅެއް ބާރަށެވެ. އެއާއެކު ދޮރުން ތަންކޮޅެއް ހުޅުވިގެން ދިޔައެވެ.

" މާހިލް؟ "

ހައިރާންކަމާއެކު ޖުމާ ބުންޏެވެ.

" ގޭގައި... އެއްވެސް މީހަކު ނެތީމަ! މި ގޮވާލީ! ބަނޑުހައިވެގެން... ކޮފީއެއް ހަދަން ކަމަށް"

ދައްކާނެ ވާހަކައެއް ނޭނގޭ ޙާލު މާހިލް ލަސްލަހުން ބުންޏެވެ. އެއާއެކު ލާނެތް ގޮތަކަށް ޖުމާއަށް ހީލެވުނެވެ. އޭރު މާހިލްގެ މޫނުމަތީގައިވެސް ހުރީ މާނަފުން ހިނިތުންވުމެކެވެ.

" ކޮފީ ގިރާކަށް ނޭނގޭތަ؟ "

މަލާމާތުގެ ރާގަކަށް އެހާމެ ލޯބިން ޖުމާ އެހިއެވެ. އެއާއެކު ބޮލުގެ ފުަށްކިބައިގައި އަތް ޖައްސާލަމުން މާހިލް ދެކޮނޑު އަރުވާލިއެވެ.

" އެނގުނަސް... ބައެއް ފަހަރު އެ ކޮފީއެއް ގިރައިދޭ މީހެއްގެ ގޮތުންވެސް ރަހަ ރަނގަޅުވެގެން ދާނެ ކަންނޭނގެ! "

މާހިލް އެހެން ބުނުމާއެކު ހީގަންނަމުން ދޮރުގައި ޖުމާ ބޯ ޖައްސާލިއެވެ.

" އާނ! އެހެންވެތާ މާހިލް އަބަދު ކެފޭއަށްދަނީ! އެތަނުގައި ކޮފީ ގިރައިދޭ މީހުންގެ ގޮތުން...."

މިފަހަރު މާހިލަށްވެސް ވަރަށް ބާރަށް ހެވުނެވެ.

" ދެން... ނުދާނަންތަ؟ "

ކުޑަކޮށް މައިތިރި ވެލުމަށްފަހު މާހިލް އަނެއްކާވެސް އެހިއެވެ. އެއާއެކު ބޭރުގައި ސައިކަލެއް މަޑުކޮށްލި އަޑަށް މާހިލް ތެޅިގަނެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އެމަންޒަރު ބަލަން ހުރި ޖުމާވެސް އަވަސް އަވަހަށް ދޮރު ލައްޕާލިއެވެ. އެއާއެކު އަތުގައި އޮތް ގަލަމުގައި ދަތްއަޅާލެވުނީ ހަށިގަނޑަށް ފިނިކަން ވެރިވެފައިވާވަރުންނެވެ. މާހިލްގެ ހަރަކާތްތަކާއި ބެލުންތަކަކީ މިހާރު ޖުމާގެ ހިތަށްވެސް ކުޅަދާނަވާ ކަންކަމެއް ނޫނެވެ. ދުރުދުރުން މާހިލް ހަނާއަޅަމުންދާކަން ޖުމާއަށް އެނގެއެވެ.

" ހިތަށް ކެތްވާނީ ވަކި ވަރަކަށް! އެކަމަކުވެސް.. އަހަންނަކަށް ނުކެރޭނެ "

އެނދުގައި އިށީންނަމުން ޖުމާއަށް ބުނެލެވުނެވެ. އޭރުވެސް އޭނާގެ މޫނުމަތީގައިވަނީ ލަދުވެތިކަމެވެ. މާހިލް ފެނުމުން ހިތަށް އުނދަގޫވާކަން މިއަދު ޖުމާއަށްވެސް ފާހަގަ ކުރެވުނެވެ. އާ ޖަޒްބާތުތަކެއް ހިނގާކަންވެސް އިޙްސާސް ކުރެވުނެވެ. އެހެންކަމުން ކުރިއަށްވުރެ ބޮޑަށް އޭނާއަށް މާހިލާމެދު ޝައުޤުވެރިވެވުނެވެ.

***

އިޝާނަމާދު ކޮށްގެން ޒާރާ ސިޓިންގރޫމަށް ނިކުތް އިރު ކަފީލާ އިނީ ސޯފާގައެވެ. އޭނާގެ މޫނުމަތީގައިވާ ކުލަވަރުން ކޮންމެވެސް ކަމެއް ވެއްޖެކަން ޒާރާއަށް ޔަޤީން ކުރެވުނެވެ. ދެއިރު ދެދަޅައަށް ކަފީލާގެ މޫޑު ބަދަލުވާތަން ބެލުމަކީ މިހާރު ޒާރާގެ އާދައަކަށް ވެއްޖެއެވެ. ބައެއް ފަހަރު ސުވާލު ކުރިޔަސް ގިނަ ފަހަރު އޭނާ ހުންނަނީ އަޅާ ނުލައެވެ. މިރޭވެސް ޒާރާ ބޭނުންވީ އަޅާނުލައި ހުންނާށެވެ.

" މިދަނީ ކާން ހަދާލަން! "

ސޯފާ ކައިރީ ހުއްޓިފައި ޒާރާ ބުންޏެވެ. އެއާއެކު ނުރުހުންތެރިކަމާއެކު އޭނާގެ މޫނަށް ކަފީލާ ބަލައިލިއެވެ.

" ބިސްކޯދު ދަޅަށް ހުރީ ހިނި އަރާފައި! އެންމެ ފަހުން އެ މަތި ނެގީ ކާކުތަ؟ "

ކަފީލާގެ ރުންކުރު ސުވާލުން ޒާރާގެ ހިތް ބިރުގަތެވެ. ޖުމާ ބާވައޭ ހިތާ އޭނާ އިތުރަށް ހާސްކުރުވައިފިއެވެ.

" ނޭނގެ ކާކުކަމެއް! އެބަ ގުޅާލަން މުއާއަށް.. ބިސްކޯދު ގަންނަން"

ޒާރާ އެހެން ބުނުމާއެކު ކަފީލާ ތެދުވެއްޖެއެވެ. އޭރުވެސް އޭނާގެ މޫނުމަތީގައިވަނީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ.

" ކޮންމެ މީހަކު ކުރިޔަސް ފަރުވާތެރިވާން ޖެހޭނެދޯ! "

މަޑުކޮށްލުމެއްނެތި ގޮސް ކަފީލާ އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. ވަގުތަކީ ޖުމާވެސް އައިސް އެތަނުގައި ހުއްޓުނު ވަގުތެވެ. އެމަންޒަރު ފެނި ލޮލުގެ އިޝާރާތުން ވެގެން އުޅެނީ ކިހިނެއްތޯ ޖުމާ އެހިއެވެ.

" އާދެބަލަ ކާގެއަށް! "

ވައި އަޑުން ޒާރާ އެހެން ބުނުމުން ޖުމާ އަވަސް އަވަހަށް ހިނގައިގަތެވެ.

" އަހަރެން ނުވެސް ދެކެން ތިއެއް! އެދައިތަ ބުނީތަ މަށޭ! "

ސިއްރުސިއްރުން ޖުމާ ބުނެލީ ރުޅި އައިސް ހުރެއެވެ. އެއާޢެކު ސިޓިންގރޫމަށް ނަޒަރު ހިންގާލަމުން ޒާރާ ވާހަކަ ދައްކަން ފެށިއެވެ.

" ހޫމް.. ދެން މާ ބާރަށޭ ތި ކިޔަނީ! ވަކި މީހެކޭ ނުބުނެޔޭ! އެކަމަކު މިކަހަލަ ކަމެއް ވިއްޔާ މައިޓު ވަރަށް ރުޅިގަދަކުރާނެ.. ޖުމާއަތުން ވީ ކަމެއް ކަމަށް ހީކޮށް ދޮންތަ މިހުރީ ވަރަށް ބިރުން"

ޒާރާ ވާހަކަ ދައްކާ ނިމުމާއެކު ޖުމާ ގޮނޑީގައި އިށީނދެލިއެވެ. އޭރު ޖުމާގެ މޫނުމަތީގައި ހުރީ ފޫހިކަމުގެ އަސަރުތަކެވެ.

" އަހަރެމެންނަށް މި ނޫން ގޮތެއް ފެންނާނެތަ؟ ރަށުގައިވެސް އެވަރު! މިތާވެސް އެވަރު! "

ޖުމާގެ ޖުމްލައިން ޒާރާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ. އެހެންކަމުން ޖުމާއާ ދިމާލަށް އެނބުރިލަމުން ޒާރާ ރުޅިއައިސްހުރެ ބުންޏެވެ.

" ޖުމާ! ތިކަހަލަ އެއްޗެހި ނުކިޔަބަލަ! މީހަކަށް އިވިދާނޭ! ނުކަންޏާ ދޭ ކޮޓަރިއަށް! "

ޒާރާގެ ވާހަކަ އަޑުއެހުމަށްފަހު ޖުމާ އަވަސް އަވަހަށް ތެދުވިއެވެ. އަދި އިތުރަށް އެއްޗެއް ނުބުނެ ބާރުބާރަށް ގޮސް ކޮޓަރިއަށް ވަނެވެ. އެމަންޒަރު ބަލަން ހުރި ޒާރާގެ މޫނުމަތީގައިވެސް އޭރު ހުރީ މާޔޫސީ އަސަރުތަކެވެ.

***

" ކޮންތާކަށް ތި ދަނީ؟ "

ފާޚާނާއިން ނިކުތް މުއާޒް އަހާލިއެވެ. އޭރު އެނދުން ތެދުވެގެން ގޮސް ޒާރާ ހުރީ ކޮޓަރި ދޮރާ ހިސާބުގައެވެ. މުއާޒްގެ އަޑަށް އޭނާ ހުއްޓި ބަލައިލިއެވެ.

" ޖުމާއާ ކުޑަކޮށް ވާހަކަ ދައްކާލަންވެގެން.. އަހަރެން މި އަންނަނީ! "

ޒާރާ އެހެން ބުނުމަށްފަހު އިތުރަށް މަޑުކުރުމެއްނެތި ނިކުމެގެން ދިޔައެވެ. އޭރު ގަޑިން އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ޖުމާ ނުނިދާނެކަން އެނގި އޭނާ ގޮސް ދޮރުގައި ޓަކި ޖަހާލަމުން ޖުމާއަށް ގޮވާލީ ނުހަނު އަވަހަށެވެ. ދޮންތަގެ އިންތިޒާރުގައި އޮތް ޖުމާ ފުންމައިގެން ގޮސް ދޮރު ހުޅުވާލިއެވެ. އަދި އަނެއްކާވެސް އެނދާ ދިމާލަށް އޭނާ ހިނގައިގަތެވެ.

" އަހަންނަށް އެނގެޔޭ ދޮންތަ މިރޭ އަންނާނެކަން.."

އެނދުގައި އިށީނދެލަމުން ޖުމާ ބުންޏެވެ. އެއާއެކު ޒާރާވެސް ޖުމާއާ ދާދި ގާތުގައި އިށީނެވެ.

" އަހަރެމެންނަށް މިންވަރު ކުރައްވާ ގޮތަށް ރުހެން ޖެހޭނެ! "

ޒާރާގެ ފުރަތަމަ ޖުމްލައިން ޖުމާ ދެފަރާތަށް ބޯ ހޫޜާލިއެވެ.

" ސޮރީއޭ! ދެން އެގޮތަކަށް ވާހަކައެއް ނުދައްކާނަން.."

ޒާރާގެ ކޮނޑުގައި ބޯ ޖައްސާލަމުން ޖުމާ ބުނެލީ ކުޑަކުއްޖަކު ފަދައިންނެވެ. އެއާއެކު އަނެއްކާވެސް އިވިގެންދިޔައީ ޒާރާގެ މަޑުމައިތިރި އަޑެވެ.

" ފުރަތަމަ ދުވަސްކޮޅު މަންމައާއެކު އުޅެން ވަރަށް އުނދަގޫވި! އެކަމަކު މަންމަގެ ގޮތް ދަސްކުރަމުން މި އަންނަނީ! އެހެންވީމަ މިހާރު ދޮންތައަށް މިތާ އުޅެން އުނދަގުލެއް ނޫނޭ.. އެކަމަކު ދޮންމަންމަ ކައިރީ އުޅެން އަދިވެސް އުނދަގުވާނެ! އެއީ ތަފާތަކީ! "

ޒާރާ ބުންޏެވެ. އެއާއެކު ޖުމާ ޒާރާގެ މޫނަށް ބަލައިލިއެވެ.

" ދެން ނިދާލާ! ކޮއްކޮ ފަހުން ނުނިކުތީމަ ބަލައިލަން މިއައީ! "

އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ޒާރާ ހިނގައިގަތެވެ. ފަހަތުން ޖުމާވެސް ހިނގައިގަތެވެ.

" ނުނިދާ ނޯންނާތި! "

ބޭރަށް ނިކުމެފައި ޒާރާ ތަންކޮޅެއް ބާރަށް ބުންޏެވެ. އެއަަށްފަހު ސިޓިންގރޫމް ބޮކިތައް ނިއްވާލުމަށްފަހު އޭނާ ގޮސް ކޮޓަރިއަށް ވަނެވެ. އެމަންޒަރު ބަލަން ހުރުމަށްފަހު ޖުމާ ދޮރުލައްޕާލިއެވެ. ތަންކޮޅަކަށް ހިނގައިގަނެވުމާއެކު އަނެއްކާވެސް ތަޅު އެނބުރިގަތް އަޑަށް އޭނާއަށް ފަހަތް ބަލައިލެވުނެވެ.

" މިހާރު ކިހިނެއްވީބާ؟ "

ދެފަރާތަށް ބޯ ހޫރާލަމުން ޖުމާ ހެވިފައި ގޮސް ދޮރު ހުޅުވާލީ ޚިޔާލެއް ފިކުރެއް ނެތިއެވެ. އެއާއެކު ދޮރުމަތީގައި ހުރި މާހިލް ނުހަނު އަވަހަށް އެތެރެއަށް ދެމިގަނެ، ދޮރު ތަޅުލައިފިއެވެ. ތަންމިނަށް ދެލޯ ބޮޑުކޮށްގެން ހުރެ، ޖުމާއަށް އަނގަމަތީގައި އަތް އެޅުނީ ހައިރާންކަމާއެކުގައެވެ.

" މާ...މާހިލް؟ "

ހާސްވެފައިވާ އަޑަކުން ޖުމާ ބުނެލިއެވެ. އެއާއެކު ފުންނޭވާއެއް ދޫކޮށްލަމުން މާހިލް ޖުމާގެ މޫނަށް ބަލައިލިއެވެ. މާހިލްގެ މޫނުމަތީގައިވެސް އޭރުވަނީ ނުތަނަވަސްކަމެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުރި މާހިލް ސިހިގެން ދިޔައީ އަނެއްކާވެސް އެކޮޓަރި ދޮރުގައި ޓަކި ޖަހާލި އަޑަށެވެ. މިފަހަރު ޖުމާގެ މޫނުމަތީގައިވާ ހާސްކަން އެތައް ގުނަ އަކަށް އިތުރުވެގެން ދިޔަ ކަހަލައެވެ.

(ނުނިމޭ)

މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.

(ނިމުނީ)