ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ލަސް ޕަލްމާސް ބައްދަލުކުރި މެޗުން ބާސާ މޮޅުވެއްޖެއެވެ.

ލަސް ޕަލްމާސްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.

Ad
rt

މި މެޗުގައި ބާސާއިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުޞަތުތައް ހޯދީ ލަސް ޕަލްމާސް އިންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ވެސް ނެގީ އެ ޓީމުންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި ޖަހައިދިނީ ކުރިން ބާސާއަށް ކުޅުނު މުނީރް އަލް ހައްދާދީއެވެ.

މެޗުގެ ނަތީޖާ ބާސާއަށް ހަމަހަމަ ކޮށްދިނީ 55 ވަނަ މިނެޓުގައި ފެރާން ޓޯރޭސް އެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ސާޖިއޯ ރޮބާޓޯގެ އެހީތެރިކަމާއި އެކުގައެވެ. އެއްވަރުވެގެން މެޗު ނިމެންދަނިކޮށް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ބާސާއިން އުފެއްދި ހަމަލާއެއް ލަސް ޕަލްމާސްގެ ކީޕަރުގެ އަތުގައި ޖެހިފައި ނުކުތްވަގުތު އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލަން ބާސާގެ ގުންޑޮގާންއަށް ލިބުނުއިރު، އެއަށް ހުރަސްއަޅަން ލަސް ޕަލްމާސްގެ ސިންގްރޭވަން މަސައްކަތް ކުރުމުގެ ތެރޭ ވީ ފައުލްއަށް ރެފްރީ ވަނީ ބާސާއަށް ޕެނަލްޓީއެއް ދީފައެވެ. އެ ފައުލަށް ސިންގްރޭވަން އަށް ރެފްރީ ވަނީ ރަތްކާޑު ދައްކާފައެވެ. އެ ޕެނަލްޓީ ބާސާއަށް ކާމިޔާބު ކޮށްދިނީ ވެސް ގުންޑޮގާން އެވެ.

މި މޮޅާއިއެކު ބާސާ ވަނީ ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. އެ ޓީމަށް 19 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު މެޗުން ބަލިވި ލަސް ޕަލްމަސް އޮތީ ތާވަލުގެ 10 ވަނާގައެވެ. އެ ޓީމަށް 19 މެޗުން ލިބިފައި ވަނީ 25 ޕޮއިންޓެވެ. ދެވަނާގައި އޮތް ޖިރޯނާއަށާއި އެއްވަނާގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައި ވަނީ 48 ޕޮއިންޓެވެ.