ކުޅުދުއްފުށީގައި ދެން އޮންނާނީ ސިޓީ ކައުންސިލެއްކަމަށް ކުޅުދުއްފުށީ ދެކުނުދާއިރާގެ އަތޮޅު ކައުންސިލް މެންބަރު އަޙްމަދު އާތިފް ވިދާޅުވެއްޖެއެވެ.

މިއަދު އަވަސް އޮންލައިންގައި ޝާއިރުކުރި "މިފަހަރުވެސް ކުޅުދުއްފުއްޓަށް ރަށު ކައުންސިލެއް" މިސުރުހީގެ ދަށުން ލިޔެފައިވާ ހަބަރު ޓުވީޓު ކުރައްވާ އާތިފް ބުނެފައިވެއެވެ. އާތިފް މިހެން ބުނެފައިވާއިތު މިކަމުގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

Ad
rt

މިހަބަރުގައި ބުނެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހދ. ކުޅުދުއްފުށީގައި އިންތިހާބު ކުރާނީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ރަށު ކައުންސިލެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު އަވަސް އޮންލައިންއަށް ދީފައިވާ އިންޓަރވިއުގައި ވިދާޅުވީ މިފަހަރުގެ ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށިގައި އިންތިހާބުގައި ކުރާނީ ހަތް ކައުންސިލަރުން ކަމަށެވެ. އަދި ކުޅުދުއްފުށި ސިޓީއެއްގެ ގޮތުގައި ކަނޑައެޅުނު ކަން އިލެކްޝަންސް ކޮމިޝަނަށް އެނގިފައި ނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މި އިންތިހާބުގައި [ކައުންސިލް އިންތިހާބު] ހދ. ކުޅުދުއްފުށީ ގައި އިންތިހާބު ކުރާނީ ހަތް ކައުންސިލަރުން، ސިޓީ އެއްގެ ގޮތުގައި ކަނޑައެޅުނު ކަމެއް އީސީ އަކަށް އެނގިފައެއް ނުވޭ."

ޝަރީފް ވިދާޅުވިއެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލަރުން އިންތިހާބު ކުރާނީ ކުރިއަށް އޮތް ފަސް އަހަރަށެވެ. އެހެންވީމަ އެހާ ދިގު މުއްދަތަކަށް ކައުންސިލަރުން އިންތިހާބު ކުރާއިރު، ކުޅުދުއްފުށީގައި އިންތިހާބުކުރާނީ ސިޓީ ކައުންސިލެއްތޯ އާންމުން ގެންދަނީ ސުވާލު ކުރަމުންނެވެ.

ކުޅުދުއްފުއްޓަކީ ސިޓީ އަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ ރަށެކެވެ. އަދި ވަރަށް އަވަހަށް ކުޅުދުއްފުށި ސިޓީ އަކަށް ބަދަލުވާނެ ކަމަށް ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ.